ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގް ބޯޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް އިންޑިއާ އަށް އެތެރެވާން އުޅުނު މައްސަލައިގައި ޓަގް ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓަގް ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ދައުވާކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.

ނަމަވެސް އެމައްސަލައިގައި ޕީޖީ އިން ދައުވާ އުފުލިކަމެއް ނުވަތަ ނޫންކަމެއް އަދި ޕީޖީ އޮފީހުން ކަށަވަރު ކޮށެއް ނުދެއެވެ.

އަދީބު ފިލަން ބޭނުން ކުރީ "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރުގެ ޓަގެކެވެ. އެ ބޯޓުގައި އަދީބު ރާއްޖެ އިން ބޭރަށް ދަތުރު ކުރަނިކޮށް ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބޭރުންނެވެ.

ޓަގްގެ ކެޕްޓަނަކަށް ހުރީ އިންޑޮނީޝިއާ މީހެކެވެ. ޗީފް އިންޖިނިއަރަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ރަސްމީ އިދާރާތަކުން ސާފުކޮށެއް ނުދެއެވެ.

ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅުނު މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް 3 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް ސަރުކާރުން އަދީބު ބަހައްޓާފައި ވަނީ ގޭގައެވެ.

އަދީބު ފިލައިގެން ޓަގް ބޯޓެއްގައި އިންޑިއާ އަށް ދިޔައީ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ. އެ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް ކުރީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ އަށް އޭނާ ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު ވަޙީދު

    ކީންވެތޯ ގޭގަ ބަހައްޓަން ޖެހެނީ އެއީ ތޯ ޙައްޤްއަދަބު ދިނުމަކީ؟

    • ކަނީރު

      ކަލޭ ނުބުނެގެން