ދިވެހި ސަރުކާރުގެ ރަސްމީ ދަތުރުފަތުރަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ހޭދަކޮށްފިއެވެ.

ސަރުކާރުގެ ރަސްމީ ދަތުރުތަކަށް މިއަހަރު ކަނޑައަޅާފައިވަނީ 142 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް އެކި ދަތުރުތަކަށް ސަރުކާރުން ވަނީ 141 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މިއީ މިއަހަރު ބޭނުން ކުރަން ކަނޑައެޅި ބަޖެޓްގެ 99.4 ޕަސެންޓްގެ ހޭދައެކެވެ. ބާކީ ދަތުރުތަކަށް ސަރުކާރުން ބޭނުން ކުރަން އޮތީ މިލިއަނެއް ހާ ރުފިޔާއެވެ.

ފިނޭންސް އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 9.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 7.1 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ހަރަދުކޮށްފައެވެ. ރިކަރަންޓު ހަރަދަށް 19.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 14.1 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

ޕަބްލިކް ސެންޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިހާތަނަށް ހޭދަކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ބަޖެޓުގެ 37 ޕަސެންޓެވެ.

ފިނޭންސް އިން ވަނީ ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 2.69 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 1 ބިލިއަން ރުފިޔާއެވެ.