މިދިޔަ ޖުލައި މަހު، ހަ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި، ހަ މީހުންގެ ތެރެއިން ތިން މީހަކު، ކްރިމިނަލް ކޯޓުން އިއްޔެ މިނިވަން ކޮށްފިއެވެ.

އެގޮތުން، މިނިވަން ކޮށްފައިވަނީ، ޢަބްދުﷲ އިބްރާހިމާއި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ޙަސަން ގެ ބަންދަށް އެ ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އޭނާގެ ކުޑަކަމުދާތަކެތި، މަސްތުވާ ތަކެއްޗަށް ޕްޒިޓިވްވި މައްސަލައިގައެވެ. މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން ބައްދުކޮށްފައިވާ، މުހައްމަދު ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމާނީ މާދަމާ އޮންނަ ޝަރީޢަތުގެ އަޑުއެހުމުގައެވެ.

މި މައްސަލައާއި ގުޅިގެން، އަބްދުﷲ އިބްރާހީމާއި މުހައްމަދު ފައިސަލާއި އަލީ ހަސަންގެ މައްޗަށް ކުރަނީ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އަދި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހްގެ މައްޗަށް ކުރަނީ ކެނަބިސް ޓްރެފިކްކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ އެވެ.

މަސްތުވާތަކެތީގެ މި ބޮޑު މައްސަލާގައި ހިމެނޭ ތިން މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ ބަންދުގައި ބައިތިއްބާތާ 62 ދުވަސް ފަހުންނެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައިވަނިކޮށް ކޯޓުން އެ މީހުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ހިމެނޭ ޢަބްދުﷲ އިބްރާޙިމަކީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން މާރާމާރީ އާއި، ބަދުއަޙުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތުޙުމަތުގައިވެސް އޭނާ ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. ހަމައެހެންމެ، ޢަލީ ޙަސަން އާއި މުޙައްމަދު ފައިޞަލް އަކީވެސް، މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ ދެ މީހުންނެވެ. މީގެ އިތުރުން، އަޙުމަދު ރަޢޫފާއި، އަޙުމަދު މަމްދޫޙު އަކީވެސް، ގުރޫޕު މާރާމާރީ އާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ އެކި އެކި މައްސަލަތަކުގައިވެސް ތުޙުމަތު ކުރެވިފައިވާ ފަރާތްތަކެކެވެ.

މި މައްސަލައާއި ގުޅިގެން މި ހަ މީހުން ހައްޔަރުކޮށްފައިވަނީ، އެމީހުން، ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކުން މަސްތުވާތަކެތި ފެނުމާއި ގުޅިގެން، މާލޭގެ ޓީޖެޓީ ސަހަރައްދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަލިކާއޮ

    ކޮނޑު އޮތްދަބަހުން ފެނިގެން ވެސް ސާބިތު ނުވަނީތާ މީތަ އަދުލުއިންސާފު މިނިވަން ވުމަކީ

  2. އަޙްމަދު

    ބުލެކް ޖަހާފައި ހުރި ޓީޝާޓް ލައިގެން ހުރިމީހާ އަކީ އެމްޑީޕީ އެންމެ އިސްމީހެއްގެ ވަރަށް ގާތް ރަޙްމަތްތެރިއެއް. އެނާ ހައްޔަރު ކުރިރޭ އެނާ ދޫކޮށްލަންވެސް އެދުނުކަމަށް ވަނީ.! އެކަމަކު އެކަން ނުކުރެވުނީ ހައްޔަރު ކުރިވާހަކަ ޓުވިޓަކުން ޙަބަރު ކޮށްފައި ވުމުގެ ސަބަބުން. މިހާރު އެކަންމިވީ! މީގައި ވެސް ކުއްވެރިވާނީ ކޯޓްތަށް. އެކަމަކު އެމީހުން ކުރާނެ ކަމެއްނެތް.

    14
    1
  3. ޢާސީ

    ޜަނގަޅު ތިއުޅެނީ އަނެއްކާ ލާރިކޮޅެއް ބޭނުންވެގެން ކުދިންކޮޅެއްލައްވާ ގެނައީ ކަމައް ބުނަމުންގެންދަނީ

  4. ގޮތްކުޑޭ

    އޯގާތެރިސަރުކާރު

  5. ކަނީރު

    މިނިވަންވުމުގެ މާނަ އޮޅުވާނުލުން ވަގުތާ.