ރ. އުނގޫފާރުގައި ބުޅާ މަރަން އެރަށު ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން ނިންމައިފިއެވެ.

އުނގޫފާރު.ކޮމްގައި ބުނެފައި ވަނީ އެ ނިންމުން ބާތިލް ކުރަން ބާއްވާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

އުނގޫފާރު ކައުންސިލުން ބުޅާތައް މަރަން ހުއްދަ ދިނީ އެރަށުގައި ބުޅާ ގިނަވެ އުނދަގޫވަމުންދާތީ ކަމަށް ބުނެއެވެ.

ކައުންސިލުން ނިންމާފައި ވަނީ، ބުޅާތައް މަރާލައިގެން ކުނި ނުވަނީސް ގެންގޮސްފި ނަމަ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދިނުމަށެވެ.

މި ނިންމުމާއި ގުޅިގެން ކައުންސިލަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އުނގޫފާރުގައި ބުޅާ މަރަން ކައުންސިލުން ހުއްދަ ދިންއިރު، ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި "ޖަނަވާރަކަށް އަނިޔާވެރި އަމަލު ހިންގުމަކީ" ކުށެކެވެ.

ޤާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާގައި ވަނީ ޖަނަވާރުތަކަށް އަނިޔާ ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. މި މާއްދާގައި ބަޔާންކޮށްފައި ވާގޮތުން އަނިޔާވެރި ކަމާއި އެކު ޖަނަވާރަކާއިމެދު އަމަލު ކުރުން ނުވަތަ "އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅައިނުލައި ދޫކޮށްލުމަކީ" ކުށެއް ކަމަށެވެ.

ޖަނަވާރަކަށް އަނިޔާ ކުރުމުން ޤާނޫނުލް އުގޫބާތުގައި ކަނޑައެޅިފައި ވަނީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. މި ކުށް ސާބިތުވެ ވެއްޖެނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ 3 މަސް ދުވަހަށް ޖަލަށްލުމެވެ.