ޖަލުތަކަށް މަނާ ތަކެތި ވައްދާ އޮފިސަރުން ކަރެކްޝަންގައި ތިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ޖަލަށް ވައްދާ މަނާ ތަކެތި ވެއްދުން ހުއްޓުވާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ފެށި ވޯކްޝޮޕްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ޖަލަށް ވެއްދުން މަނާ އެއްޗެއް ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރަކު ބައިވެރިވުން ބަލައި ނުގަންނާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޖަލުތަކަށް ގާނޫނީ ގޮތުން ވެއްދުން މަނާއެއްޗެއް ވެއްދުމުގައި އޮފިސަރަކު ބައިވެރިވެއްޖެނަމަ، ކަރެކްޝަން ސާވިސްގެ އޮފިސަރެއްގެ ކިބައިގަ ހުންނަންޖެހޭ ޝަރުތު ފުރިހަމަ ނުވާނެ ކަަމަށެވެ.

"އެފަދަކަމެއް ސާބިތުވެއްޖެ އޮފިސަރަކު މި މުއައްސަސާގައި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ޓޮލަރޭޓް ކުރާނެ ކަމެއް ވެސަް ނޫން. "މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލަށް މަނާ ތަކެތި އެތެރެ ކުރާ މައްސަލައަކީ ޖަލުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މ ވޯކްޝޮޕް ނިމޭއިރު މިފަދަ ކަންކަން ހުއްޓުމަށް ކުރެވިދާނެ ކަންތައް ހޯދައި ދެނެގަނެވި، އެ ކަންކަން ޖަލުގައި ޤާއިމް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައި ހުންނަން ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިކަމަށް ބޭނުންވާނެ ވަޞީލަތްތައް ވީވަރަކުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ، ޖަލަށް އެތެރެކުރާ މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެފަދަ ކަންކަމާއި ބެހޭޣޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ވޯކްޝޮޕެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދޫ ޑޮކް

    މިނިސްޓަރ ނޯނޮންސެސް ، ޖަސްޓް އެކްޝަން ޕްލީޒް !

  2. ސަޓޯ

    ރަގަޅު ވަގުތުން އެމީހަކު ކަނޑާލާފަ އެމީިހަކު އެއްޗެހި ވައްދަން އުޅުނު ގޮޅިއަށް އެމީހާ އެއްލާލާ

  3. ހުސޭނުބޭ

    ވީމާ ކަލޯވެސް ތިއީ ބަލައިގަނެވޭނެ މީހެއްނޫން! ހަނދާންވޭތް ޖަލުގައި ހުރިއިރު ވަގަށް ފޯނުވައްދައިގެން ސެލްފީނެގި ދުވަސް!

  4. ޟމ

    މަނާ ކަންކަން ކުރާތީ ވަޒީފާއިން ވަކިކޮށްފަ ތިބޭ މީހުން އަނބުރާ ވަޒީފާ އަށް ގެނައުމަށް ތިޔަ ކުރައްވާ މަސައްކަތް ވެސް ބަލައިނުގަނެވޭނެ