ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ދެ އަތޮޅު ފިޔަވާ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 18:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވެއެވެ.

އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.