ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގެ ދަށުން، އެ މަޖިލީހުގެ އިދާރީ ހިންގުމުގެ ތިން އިސްވެރީން އަލުން އައްޔަނުކުރަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމުގެ މަގާމަށާއި ކައުންސެލް ޖެނެރަލްގެ މަގާމަށާއި ސަރޖެންޓް އެޓް އާރމްސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރަން ފާސްކޮށްފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އަލަށް އެކުވަލާލި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ އަލަށް އިންތިހާބުވާ ކޮންމެ މަޖިލީހެއްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސް ގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހެއެވެ.

އެ ތިން މަގާމަށްވެސް އައްޔަން ކުރަން ފާސްވެފައި ވަނީ ކުރިން އެ މަގާމުތަކުގައި ހުންނެވި ބޭފުޅުންނެވެ.

އެގޮތުން އަމީން ޢާއްމުގެ މާގަމަށް އައްޔަނުކުރެއްވީ މިހާރުވެސް އެ މާގަމް އަދާކުރައްވަމުން ގެންދަވާ ފާޠިމަތު ނިޔުޝާއެވެ. އޭނާ އަމީން ޢާންމުގެ މަގާމަށް، އައްޔަނުކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

ކައުންސެލް ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވީ، މިހާރުވެސް އެ މަގާމް އަދާކުރައްވަމުން ގެންދަވާ ފާތިމަތު ފިލްޒާއެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރޖެންޓް އެޓް އާރމްސްގެ މަގާމަށް އައްޔަނުކުރެއްވީ މިހާރުވެސް އެ މަގާމް އަދާކުރައްވަމުން ގެންދަވާ މުޙައްމަދު ހަލީމްއެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.