ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަާށް އާންމުންގެ ތެރެއިން މކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފިއެވެ.

ޖޭއެސްސީގެ މެންބަރުގެ ތެރެއިން ރައްޔިތުން މަޖިލީހުން އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ހުޅުވާލިއެވެ. ފުރުސަތުގައި ތިން މީހަކު އެ މަގާމަށް ކުރިމަތިލިއެވެ. އެ ފުރުސަތު ހުޅުވާލީ، ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނެވި މެންބަރު އަބްދުލްހަންނާނު އަހްމުދުގެ ދައުރު ހަމަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖޭއެސްސީގެ އާންމުންގެ މެންބަރު ކަމަށް ކުރިމަތިލާން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ ކުރިން އަމަލު ކުރަމުންދިޔަ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އަދި މިހާރު ގަވާއިދު ބުނާ ގޮތުން ގިނަ ބަޔަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމީ ޖުޑީޝަރީ ކޮމެޓީން އެގޮތަށް އެމަނިކުފާނު އަރިހުގައި ދެންނެވެމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، 10 މެންބަރެއްގެ މައްޗަށެވެ.

އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން، އަމިއްލަ މެންބަރެއްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު