މާލޭ މަގުތަކުން ވެހިކަލް މަދުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހުލުމާލޭ ގާއިމު ކުރެވޭ ޕާކިން ފެސިލިޓީ އާއި ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ގާއިމު ކުރެވިގެންދާ ޕާކިން ފެސިލިޓީގައި 150 އަށް ވުރެ ގިނަ 4 ފުރޮޅުލީ އުޅަނދުތައް ޕާކް ކުރެވޭނެ ކަމަށެވެ. އަދި މި ޕާކިން އަކީ 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކް ކުރުމަށް ގާއިމު ކުރެވޭ "ޕެއިޑް" ޕާކިން ސަރަހައްދެއް ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މި މަސައްކަތަކީ މާލޭގައި ވެހިކަލް ގިނަ ވެގެން ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ހުޅުމާލޭގައި މި ޕާކިން ގާއިމު ކުރުމުން މާލޭގައި ވެހިކަލް މަދުވެގެން ދާނެ އެވެ.

ހުޅުމާލޭގައި ގާއިމް ކުރާ ޕާކިން ފެސިލިޓީ ހަދާނީ މާލޭން ހުޅުމާލެ އަށް އަރާ ހިސާބު ކައިރި ސަރަހައްދެއްގައެވެ.

މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ އަކީ މާލޭގެ ދުއްވާ އެއްޗެހި ގިނަވެ ތޮއްޖެހިފާ މައްސަލައެވެ. ގިނަ ފަރާތްތަކުން އަންނަނީ މިކަމަށް އަވަސް ހައްލެއް ހޯދައި ދިމުނަށް އެދި ސަރުކާރުގެ އެކި މުއްސަސަތަކާއި ވާހަކަ ދައްކަވަމުންނެވެ.