މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކާމިޔާބުވާ މަންޒަރު ނުފެންނަ ކަމަށާއި، ހާރިޖީ ވަޒީރު ރާއްޖެއިން ބޭރަށް އުދުހިގެން އެ ސިޔާސަތު ކާމިޔާބު ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުުގެ ގޮތުން، ދިއްފުއްޓަށް އިއްޔެ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅެއްގައެވެ.

"ހާރިޖީ ސިޔާސަތު ކާމިޔާބުވަނީ ހާރިޖީ ވަޒީރު ދެކޮޅަށް ދެކޮޅަށް ރާއްޖެއިން ބޭރަށް އުދުހުނީމައެއް ނޫން. ރައްޔިތުންނަށް އެކަމުގެ މަންފާ ލިބޭތަން ފެނުނީމަ އެކަން ކާމިޔާބު ވާނީ. ރާއްޖޭގައި ހުރި ދަރަނިތައް ފޫބެއްދޭ ވަރާ ގާތަށްވެސް ބޭރުގެ އެހީއެއް ނުލިބޭ. މީގެ އިތުރުން، އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވާ އުޞޫލުތަކާއި، އަދި އަޅުގަނޑުމެން ރައްކާ ކުރަންބޭނުންވާ އަމިއްލަ ސިފަތައް އޭގެ ޒާތުގަ ރައްކާކުރެވުނީމަ އެކަން ކާމިޔާބު ވީ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނީ. އަދި އަޅުގަނޑުމެންގެ ދީން ޙިމާޔަތް ކުރައްވާނެ ކަމުގެ ކަށަވަރުކަން ހާރިޖީ ވަޒީރުގެ ފަރާތުން ލިބުނީމަ އެކަން ޤަބޫލުކުރެވޭނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން އެކިއެކި ވަޢުދުތައް ވަމުންދާއިރު، ރާއްޖޭގެ މާލީ ހާލަތާއި މެދު ރައްޔިތުން ވިސްނާލުން ބުއްދިވެރި ކަމަށާއި، ދަރަނިތައް އިންތިހާއަށް އަރައިގެން ގޮސްފައިވާ ކަމަށެވެ.

"ރައްޔިތުން އަބަދުވެސް ވިސްނާލަންޖެހޭނެ، ދަޢުލަތުގެ އާމްދަނީ އޮތް މިންވަރާ، ދަޢުލަތުގެ ޚަރަދުތައް އޮތް މިންވަރާ، ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓު ހުސްވަމުންދާ މިންވަރާއި، މިކަންކަން ރައްޔިތުން ވިސްނަން ޖެހޭ. ނަމަވެސް އެހެން އެކަން އޮތް އިރުވެސް އެ ވިދާޅުވަނީ، ރައްޔިތުންގެ ބޯހިޔާވަހިކަމަށްވެސް ގިނަ ކަންކަން ކޮށްދެއްވާނެކަމަށް. އަދި މިއަހަރުގަވެސް ތިންމަސް ދުވަސް އެބަ އޮތް. ތިން މަސް ދުވަސް އޮތްއިރު، ރައީސް އޮފީހުގެ ބަޖެޓް ހުސްވެގެން އިތުރުއަށް ފައިސާ ބޭނުންވެގެން މިއުޅެނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާއަށް ރައީސް ޔާމީން އާއި، ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މި ކުރައްވާ ދަތުރުފުޅުގައި ޖުމްލަ ހަތަރު ރަށަކަށް ވަޑައިގަތިމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ރައްޔިތުންނާއި ބައްދަލުކުރުގެ ގޮތުން ތިން އަތޮޅަކަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަކަރުވެރި ސަރުކާރެއް

    މިހާރު ޚާރިޖީ ވަޒީރަކަށް އެހެރީ އަމިއްލަ ވިޝް ތަކާއި އަމިއްލަ ޑްރީމްސްތައް ފުލްފިލް ކުރަން އުޅޭ މީހެއް. މުޅި ދައުލަތުގެ ރިޒާވް ދަވާލައިފި. އެންމެ މުނާފިޤު ވައްތަރަށް އުޅެނީ.

    1
    1