ޓެރަރިޒަމް ގާނޫނަށް ބޮޑެތި އިސްލާހު ގޭނެސް އަދަބު ކަނޑައަޅާ އުސޫލުން ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނެއް ހަދަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް ބޮޑެތި އަދަބުތައް ކަނޑައެޅި ގޮތަށް، ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނު ހަދައި ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކަމަށެވެ.

"ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުގެނެސް ބޮޑެތި އަދަބު ކަނޑައަޅާފަ، ހަމަ މި މިންގަނޑުން 'ލާދީނީ' ފިކުރާ ދެކޮޅަށްވެސް ގާނޫނު ހަދައި ބޮޮޑެތި އަދަބު ކަނޑައަޅަން ޖެހޭ،" އުމަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

އުމަރުގެ ޕޯސްޓްގައި އޭނާ އިތުރަށް ވިދާޅުވީ، އެހެން ފަސްގަނޑެއްގައި ހުރެގެން ދީނުގެ ނަމުގައި ހަނގުރާމަ ކުރާ މީހާ ޖަލަށް ލައިފައި މި ފަސްގަނޑުގައި ތިބެގެން ދީނާ ދެކޮޅަށް ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެން ހިނގައިދާނެ ކަމަށެވެ.

"އެހެން ފަސްގަނޑެއްގައި ހުރެ ދީނުގެ ނަމުގައި ހަނގުރާމަ ކުރާ މީހާ ޖަލަށް ލާފަ، މިފަސްގަނޑުގަ ތިބެގެން އިސްލާމް ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ، އިންސާފު ނެތިގެންދާނެ" އުމަރު ވިދާޅުވިއެވެ.