މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ގޮސް ސަލާމަތްކޮށްފިއެވެ.

ރަހީނުކޮށްފައި ހުރީ ބިދޭސީއެކެވެ. އޭނާ ރަހީނުކުރި މައްސަލައިގައި ފަސް މީހަކު ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މީހަކު ރަހީނުކޮށްފައި ހުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައިކަމަށެވެ. ފުލުހުންނަށް މި މައުލޫމާތު ލިބުމާއި އެކު އެތަނަށް ގޮސް ކިޑްނެޕްކޮށްފައި ހުރި ބިދޭސީ މިހާ ސަލާމަތްކޮށް ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވެސް ފަސް ބިދޭސީއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވެސް މާލޭގައި ބިދޭސީއަކު ރަހީނުކުރިއެވެ. އޭނާ ވަނީ އަމިއްލައަށް ސަލާމަތްވެގެން ގޮސް ފުލުހުންނަށް މައްސަލައިގެ ތަފްސީލް ކިޔައިދީފައެވެ. އެމައްސަލައިގައި މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިބޭބެ

    ތިޔަ ބިދޭސީންގެ ކަންކަން ހުއްޓާނުލާ ބެލެހެއްޓުން ވަރަށް މުހިއްމު.

  2. ހަޖަމް

    ބިދޭސީންގެ އައިއެސް ބަޔަކަށް ތިވާނީ