ދެމީހުންނާއެކު ދަތުރުކުރަމުން ދިޔަ ޑިންގީއެއް ކަނޑުމައްޗަށް ހުއްޓުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "މާކޯ" ނަމަކަށް ކިޔާ އެ ޑިންގީ ދަތުރުކުރަމުން ދަނިކޮށް ހުއްޓުނީ ކ. ގުޅީފަޅާއި ވިލިމާލެ އާއި ދެމެދުގެ ސަރަޙައްދަކަށް ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޑިންގީ ދަތުރުކޮށްފައި ދަނިކޮށް އޭގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 6:13 ގައި ކަމަށެވެ. އެއާއެކު ހާދިސާ ހިނގި ސަރަޙައްދަށް ދިއުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވަނީ ކަނޑުމައްޗަށް ހުއްޓުނު ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދީ، ހެނދުނު 7:00 ހާއިރު އެ ޑިންގީ ވިލިމާލޭ ފަޅުތެރެއަށް ވައްދާފައެވެ.