ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

”ވަގުތު” އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މިރޭ 09:00 ގައެވެ. އަދި މި ބައްދަލުވުމަކީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ބަހެއް އަދި ނުލިބެ އެވެ.

އެ ޕާޓީން ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައި ވަނީ، އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ކުއްވެރިކޮށް މިއަދު އެ ޕާޓީން ބަޔާނެއްވެސް ނެރެފައި ވަނިކޮށެވެ.

އެ ބަޔާނުގައި އަދާލަތު ޕާޓީން ވަނީ އެމްޑީއެން އިން ދިރާސާގެ ނަމުގައި އިސްލާމްދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކޮށްފައިވަނީ ޤާނޫނީ ކުށެއް ކަމަށާއި، އެ މައްސަލައިގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކަށް ދައުވާ އުފުލުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކަށް ގޮވާލާފައެވެ.

އަދި އެމްޑީއެންގެ އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި އާންމު އަމާންކަމާއި ދާޚިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުޙިންމު އަސާސް ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަމަލެއްކަމަށް ވެސް އެ ޕާޓީން ބުނެފައި ވެއެވެ.

އަދި އެމްޑީއެންގެ ރިޕޯޓުގައި، ރާއްޖޭގެ ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް ބައެއް އާންމުންނާއި މެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއް ނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަހުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވިފައިވާތީ އެއީވެސް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ޕާޓީން ދެކޭ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ، ޖަމިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. عبدالله

    ރައީސް އިބޫވެސް އަދި މަޖިލީހުގެ މެންބަރުންވެސް ހުވާކޮށްފައިވަނީ، އިސްލާމްދީނާއި ޤާނޫނުއަސާސީއާއި އެއްގޮތަށް ޢަމަލުކުރުމަށް

    19
    2
  2. އަހުމަދު

    ތީ ފޭކު ބަޔެއް...ތިޔަ މީހުންނާއިހުރެ މިރާއްޖޭގެ މީހުން އޮޅުންބޮޅުން އެރީ. އިމްރާން އެއީ އޭގެ ހެއްކެއް. އެއްފަހަރު ބުނާނެ ޑިމޮކްރަސީގަ ޖެހި ހަލާކުނުވާށޭ. ދެންފެނުނީ އޭގެ ތެރޭ ތިއްބައި. ދެން ފެނުނީ އޭގެ ބޮޑު ސޯބު އާދެ ކެރަފާ ސޯބަށް ބަޢިއަތު ހިފިތަން........

    23
    1
  3. އަން

    ޑޭވިޑްހަމް ބުނެގެން ކުރި ދިރާސާއެއްތީ. ތިފަދަ އެއްޗެއް ނެރެގެން ކަމެއް ވާތޯ ނުވަތަ ނުވާތޯ ބަލަން. ނުވިއްޔާ އެހެން ދީންތައްވެސް ގެންނަން ފަސޭހަ ވާނެ. ކަމެއްް ވެއްޖެއްޔާ އިތުރައް ވަރުގަދަކޮށް އެހެން ސޯބެއް ލާފައި މިޝަން ހިންގާނީ. އަދާލަތަކަށް ދެން ދެބޯގެރިއެއް ނުދުއްވޭނެ. ބޯންއުޅު ބޮޑި ތިއޮތީ ބޮވިފަ. އަމިއްލަ އެދުން އިސްކުރި ސޭހުން ކޮބާ

    15
  4. އަޙްމަދު

    ތިޔަޕާރޓީއިން ސިޔާސީ ޕާރޓީ ހިން ގާނަމު ގަ ސަރުކާރުން އަތުލާ ރައްޔިތުން ގެ ފައިސާއިން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއްތޯ ޕާރޓީ ގެ
    ޢާއްމުމެންބަރުން އެބަ ބަލަންޖެހޭ. ޢާއްމު މެންބަރުން އެބަ ދަންނަންޖެހޭ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެޕާޓީއެއް ގަ ތިބިމެންބަރުން ގެ އަދަދަށް
    ބަލައި ގެން. ވީމާ އެއީ މެންބަރުން ގެ ފައިސާ. އެޔަކީ ބޮޑުން ގެ ސާރވަންޓުން ގެ ގޮތު ގައި ގެން ގުޅޭ
    ކުދިން ޕާޓީ ގެ ކޮންމެސް ވަޒީފާއެއް ގަ ބައިތިއްބައި ގެން މުސާރަ ދޭން ދޭ ފައިސާއެއް ނޫން. އަނެއްފަހަރު މުޒާހަރާއެކޭ ކިޔާފަ ތަނެއް ގަ ޕޯޑިއަމްއެއް ބަހަށްޓާފަ ބޮލު ގަ ފޮތިކޮޅެއް
    ބަދެ ގެން އެތާތިބެ ހަޅޭއްލަވާފަ ކޮންމެވެސް ދެ
    ސޮހޮލަކަށް އިސްލާމިކް މިނިސްޓްރީ އިންނާއި (މިފަހަރު) ހޯމްމިނިސްޓްރީއިން ނައިބުކަން ހޯދަން
    ތެޅި ގަތަކަސް އެކަމެއް ނުވާނެ.

  5. ޖަޒީރާ

    ތި ޕާޓީއިން ކުއްލި ބައްދަލުވުން ބޭއްވިޔަސް، މިހާރު ރާއްޖޭގައި ހިންގަމުންދާ ދީނާއި ޚިލާފު އެއްވެސްކަމަކާއި ގުޅޭގޮތުން ޗުޕްވެސް ބުނަން ނުކެރޭނެ

  6. ހަސަން

    އަދާލަތު ޕާޓީއޭ ކިޔައިގެން މީ ހަމަ ފައްކާ ލާދީނީ އަމިއްލަ އެދުމުގެ މުނާފިގުން ތަކެއް
    ޝައިޙުން ނޭ ކިޔައިގެން ތިބި މަކަރާ ފިތުނައިގެ ބައިގަނޑެއް.