ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ އަށް ކުރަމުންދާ މި ދުވަސްކޮޅުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓު) އޮފީހުން ދަނީ ގިނަ އަދަދެއްގެ ސަމާލުތަކެއް ނެރެމުންނެވެ. މިގޮތުން 8 އަތޮޅަކަށް މިވަނީ މިއަދުވެސް ހުދު ސަމާލު(ވައިޓް އެލާޓް) ނެރެފައެވެ.

ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މެޓު އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 16:30ން 20:30 އާއި ދޭތެރެއަށެވެ. މި ވަގުތުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި އަތޮޅު ތަކުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދު 10:00ން މާދަމާ ހެނދުނު 10:00އާއި ހަމައަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މޫސުން ގޯސްވެފައި ވީ ނަމަވެސް، މި މުއްދަތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނޭ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއްވައެވެ. މިހެން ކަން އޮތް ނަމަވެސް، ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން އެދެވިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާޝޯޙު

    މެންދުރު ފަސް ވީންސުރެ ކުޑަހުވަދުއަށް ފެންކަނޑައިގެން ނުދޭ !