އެންވަޔަރަމެންޓް މިނިސްޓްރީން ތަރައްގީގެ މަޝްރޫއުތަކަށް ހަދަމުން އަންނަ އެންވަޔަރަމެންޓް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) އަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުހިންގޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ބައެއް ފަރާތްތަކުން އީއައިއޭއަށް ނުފޫޒު ހިންގައިގެން ބޭނުން އަދަދަކަށް ރުއްގަސް ކަނޑައި ވިޔަފާރި ކުރަމުން ގެންދާ ކަމަށް ބުނާ އަޑު ފެތުރިފައިވަނިކޮށް،މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ނަސީރު ވިދާޅުވީ، މިނިސްޓްރީ އަށް މިހާރު ކުރަމުންދަނީ ދޮގު ތުހުމަތެއް ކަމަށެެވެ.

ނަސީރު ވިދާޅުވީ، އީއައިއޭގެ ރިޕޯޓްގައި ހިމަނާފައިވާ ކަންތައް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ވަރަށް ހަރުކަށިކޮށް ބަލާނެ ކަމަށާއި މަޝްރޫއަށް ބޭނުންވާ އަދަދަށް ރުއްގަސް ނަގަން އަންގާ ކަމަށެވެ. އަދި އޭގެ އިތުރަށް ރުއްގަސް ނަގާނަމަ އީޕީއޭ އިން އެކަން ހުއްޓުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަސީރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، މިހާތަނަށް އީޕީއޭއަށް ރުށް ގަސް ނެގުމާއި ގުޅޭގޮތުން ހުށަހެޅިފައިވާ ހުރިހާ މައްސަލައެއް ވެސް ބަލާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ރުއްގަސް ނެގުން ބޮޑު ތަނުން މަދުވެފައިވާ ކަން ވެސް އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު