2015 ވަނަ އަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 3:30 އެހާއިރު، އައިޖީއެމްއެޗް ކައިރި ހުއްޓާ، ވަޅިއަކުން ހަމަލާދީގެން، ނޫރު އާދަމް ޙަސަންފުޅު މަރާލި މައްސަލައިގެ އިބްތިދާޢީ އަޑުއެހުންތައް ނިމި، އިއްޔެ ޝަރީޢަތް ފަށައިފިއެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލައިގައި ދަޢުލަތުން ދަޢުވާ އުފުލާފައިވާ، ޏ.ފުވައްމުލައް، ޝައިނީ، މުޙައްމަދު ސަމީހާއި، ހަމަ އެރަށު ނޯވެލް، މުޙައްމަދު ޝަމްލުގެ ފަރާތުން، ޝަރީޢަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅަން އެބަ އޮތްތޯ، ޝަރީޢަތުން ވަނީ ސާފުކުރައްވާފައެވެ. މި މައްސަލައާއި ގުޅިގެން މި ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ ދެ މީހުންގެ ފަރާތުން، ޝަރީޢަތުގެ ކުރިން ހުށަހަޅަން ބޭނުންވާ އެއްވެސް ހުށަހެޅުމެއް ނެތްކަމަށް ބުނުމުން، ޝަރީޢަތުންވަނީ އެ ފުރުޞަތު ދަޢުލަތަށްވެސް ދީފައެވެ. ދަޢުލަތަށް ލިބުނު ފުރުޞަތުގައި، ދަޢުލަތުން ވަނީ މި މައްސަލައާއި ގުޅިގެން ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ޖިނާޢީ އިޖްރާޢަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ދަށުން، ހުށަހަޅާ ހެކިތައް، ސިއްރުކުރުމަށް މިހާރު ނެރެފައިވާ ވަގުތީ ޢަމުރު ދާއިމީ ޢަމުރަކަށް ބަދަލުކޮށްދިނުމަށާއި، 119 ވަނަ މާއްދާގެ 5 ވަނަ ނަމްބަރުގެ ދަށުން، ދަޢުލަތުން ހުށަހަޅާ، ބަޔާންތަކުގައި ހިމަނާފައިވާ މީހުންގެ ނަންތައް ދިފާޢަށް ނޭނގޭނެފަދަ ގޮތަކަށް އެ ބަޔާންތައް ދޫކޮށްދިނުމަށެވެ. މީގެ އިތުރުން، މި ދެ މީހުން ކޮށްފައިވާ ކުށަކީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ބޮޑު ކުށެއް ކަމަށާއި، ޝަރީޢަތުގައި މީހުންގެ ހެކިބަސް ނަގާއިރު، އެމީހުންގެ އަޑު ބަދަލުކޮށްގެން ނަގައިދިނުމަށް އެދޭ ކަމަށެވެ. ދަޢުލަތުގެ ފަރާތުން ހުށަހެޅި، މި ހުށަހެޅުން، ޝަރީޢަތުން ވަނީ ބަލައިގަނެ ދަޢުލަތުން އެދުނު ގޮތަށް އެކަން ނިންމާކަން އިޢުލާނުކޮށްފައެވެ.

މި ހުށަހެޅުންތަކާއި ގުޅިގެން، މައްސަލައިގައި ދަޢުވާ ލިބޭ، މުޙައްމަދު ސަމީހްގެ ވަކީލް ވިދާޅުވީ، އެ ހުށަހެޅުންތަކާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން މުޙައްމަދު ޝަމްލުގެ ވަކީލް ވިދާޅުވީ، ހެކިބަސް ނަގާ މީހާ ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް ހެކިބަސް ނަގައިދިނުމަށް އެދޭ ކަމަށާއި، އަދި މީގެ ކުރިން ކްރިމިނަލް ކޯޓުގައި ޢަމަލުކުރާ ގޮތުގެ މަތިން ޝަރިޢަތުން އެކަމަށް ގޮތެއް ނިންމަވައިދިނުމަށެވެ.

މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުން ނިމުނީކަން ޢިއުލާނުކޮށް، ޝަރީޢަތް ފެށުމާއި ގުޅޭގޮތުން ދަޢުވާ ލިބޭ ދެ ފަރާތުގެ ވަކީލުންނާއި، ސުވާލުކުރުމުން، ދެ ފަރާތުންވެސް ވިދާޅުވީ، ވީ އެންމެ އަވަހަކަށް ޝަރީޢަތް ފަށައިގެން ކުރިއަށް ގެންގޮސްދެއްވުމަށެވެ. އެހެންކަމުން، ޝަރީޢަތުންވަނީ މައްސަލައިގެ ޝަރީޢަތް ފެށުނުކަން އިޢުލާންކޮށްފައެވެ. ހަމައެއާއިއެކު، ދަޢުލަތުން އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާފުކޮށްދިނުމަށް ޝަރީޢަތުން ވަނީ އެދިފައެވެ.

މުޙައްމަދު ޝަމްލު އަދި މުޙައްމަދު ސަމީހު؛- ފޮޓޯ: ޑީއެންއާރު

ޝަރީޢަތުގައި ދަޢުވާ އިއްވަމުން، ދަޢުލަތުގެ ވަކީލާ، ވިދާޅުވީ، މި ދަޢުވާއަކީ ބިރުދެއްކުމާއި، ތޫނު ހަތިޔާރު ބޭނުން ކުރުން މަނާކުރުމާއި ބެހޭ ޤާނޫނުގެ 5 ވަނަ ބާއްދާގެ (ބ)އާއި ހަވާލާދީ އެ މާއްދާގެ (ޅ)ގެ ދަށުން ކުރާ ދަޢުވާއެއް ކަމަށާއި، ދަޢުވާ ސާބިތުވެއްޖެ ނަމަ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަށް އެމީހަކު ޖަލަށް ލެވޭނެ ކަމަށެވެ.

ނޫރު މަރާލި ރޭ ގާތްގަނޑަކަށް، 11:45 ހާއިރު، ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރުއާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔައެވެ. ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރުއާއި އިތުރު ބަޔަކު ތިއްބައި ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކަށްޓަށް ވަނީ ހަމަލާދީފައެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ ޖަގަހަ ތެރޭގައި ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ވަނީ ފިލައިފައެވެ. ހަމައެހެންމެ، ދަޢުވާ އިއްވަމުން ދަޢުލަތުން އިތުރަށް ވިދާޅުވީ، ނޫރު މަލާރި މީހާ އިން ސައިކަލު ދުއްވަން އިނީ ޝަމްލު ކަމަށާއި، އަދި އެތަނާއި މާ ދުރުނޫން ހިސާބުގައި އިން ސައިކަލެއްގައި ސަމީހްވެސް އިން ކަމަށެވެ. ނޫރު މަރައިލުމަށްފަހު އެ ދެމީހުންވެސް ނައްޓާލީ އެކުއެކީގައި ކަމަށް ދަޢުލަތުން ވިދާޅުވިއެވެ.

މި ދެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށްޓަކައި، ދަޢުލަތުން ވަނީ 21 ހެއްކެއް ހުށަހަޅާފައެވެ. އެގޮތުން، ސިއްރު ހެކި 1 ން 5 ށް ހުށަހަޅާފައިވަނީ، 2 ސައިކަލުގައި 4 މީހުން އައި ކަމާއި، ވަޅިން ހަމަލާދިން މީހާ ގޮވައިގެން އައިކަން ސާބިތުކުރުމަށް ކަމަށާއި، ސިއްރު ހެކި 6 ން 8 ށް ހުށަހަޅާފައިވަނީ، އެ ދެމީހުން އެރޭ އެ ދެ ސައިކަލްގައި އުޅުނުކަން ސާބިތު ކުރުމަށްކަމަށް ދަޢުލަތުން ވަނީ ވިދާޅުވެފައެވެ. ހަމައެގޮތަށް، ސިއްރު ހެކި 9 ހުށަހަޅާފައިވަނީ، ނޫރު މަރާލީ ވަޅިއެއް ބޭނުންކޮށްގެންކަން ސާބިތުކުރުމަށް ކަމަށާއި، ސިއްރު ހެކި، 10 އަދި 11 ހުށަހަޅާފައިވަނީ، 2 ސައިކަލުގެ ވައްތަރު ސާބިތުކުރުމަށް ކަމަށާއި، ސިއްރު ހެކި 12 ން 18 ށް ހުށަހަޅާފައިވާނީ، އެ ހާދިޘާ ހިނގައިދިޔަ ސަރަހައްދުގެ ފޮޓޯތަކެއް ކަމަށާއި، ސިއްރު ހެކި 19 ހުށަހަޅާފައިވަނީ، ކަން ހިނގައިދިޔަގޮތް ސާފުކޮށްދޭން ކަމަށްވެސް ދަޢުލަތުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ހެކި، 20،21،22 ހުށަހަޅާފައިވާނީ ނޫރު މަރުވީ، އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާއަށް ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަން ސާބިތުކުރުމަށް ކަމަށްވެސް ދަޢުލަތުން ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، އިތުރު ޤަރީނާއެއްގެ ގޮތުން، ނޫރު މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި، ޢަލީ އިޔާޒު ޙަސަން ދީފައިވާ ބަޔާންވެސް ހުށަހަޅާފައިވާނެ ކަމަށް ދަޢުލަތުން ވަނީ ވިދާޅުވެފައެވެ.

4 އަހަރު ފަހުން މި މައްސަލައިގެ ޝަރީޢަތް ފަށާފައިވާއިރު، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ޝަރީޢަތުން އިޢުލާން ކޮށްފައެއް ނުވެއެވެ.