އަންނަ މަހު ސްރީލަންކާގައި ބާއްވަން ހަމަޖައްސާފައިވާ އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް 41 ފަރާތަކުން ނަން ހުށަހަޅައިފިއެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މިއީ އެގައުމުގެ ތާރީޚުގައިވެސް މިހާ ގިނަ އަދަދަކަށް ރިޔާސީ އިންތިޚާބެއްގައި ކެނޑިޑޭޓުން ބައިވެރިވި ފަހަރެވެ. އެކި ޕާޓީތަކުން 41 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރުމަށް ނަން ހުށަހަޅާފައިވާއިރު މިހާރު އެގައުމުގެ ރައީސް ކަމުގައި ހުންނެވި، މައިތިރިޕާލަ ސިރިސޭނާގެ ނަން ހުށަހަޅާފައިނުވެއެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ރައީސް، ސިރިސޭނާ ވަނީ ނަން ހުށަހަޅާފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުމަށް ރަޖިސްޓްރީ ވާ އިރު ޑިޕޮޒިޓެއްގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ބަހައްޓަން ޖެހޭއިރު، އެފައިސާ އެމަނިކުފާނު ބަހައްޓާފައި ނެތުމުން އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ލަންކާގައި މިއަހަރު ބާއްވާ އިންތިޚާބަކީ އެހެން ގޮތަކުންވެސް ފާހަގަކޮށްލެވޭ އިންތިޚާބެކެވެ. އެއީ މި އިންތިޚާބުގައި އެގައުމުގެ މިހާރުގެ ރައީސް އާއި ބޮޑު ވަޒީރު ބައިވެރިވެވަޑައިނުގަންނަވާތީ އެވެ. 1982 ވަނަ އަހަރުން ފެށިގެން އެގައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުތަކުގައި ބޮޑު ވަޒީރުންނާއި ރައީސުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން ލިބޭނީ ނޮވެމްބަރު 12 ވަނަ ދުވަހާ ހަމައަށެވެ.

 

ކިޔުންތެރިންގެ ހިޔާލު