މިދިޔަ މަހުގެ 20 ވަނަ ދުވަހު ހ.ތިލަފުށި ގޭގައި ހިނގި އަލިފާނުގެ ހާދިސަގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީއިން ބުނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކްއޮފް މޯލްޑިސް (ބީއެމްއެލް) ގައި ހުޅުވި އެކައުންޓަށް އެކި ފަރާތްތަކުން 2،528،833.27 ރުފިޔާ ލިބިފައިވާކަމަށެވެ. އެންޑީއެމްއޭ އިން ބުނީ އެ އެކައުންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންނަށް ހުޅުވާލައިފައިވަނީ މިއަދު 4:00 އާހަމަޔަށް ކަމަށާއި މިހާރު އެ އެކައުންޓު ބަންދުކޮށްފައިވާކަމަށެވެ.

ގެއްލުމުގެ ބަދަލަށް ބަދަލު ނުދިންނަމަވެސް ސަރުކާރުން ވަނީ ގެއްލުމުގެ 20 އިންސައްތަ ހާލުގައި ޖެހުނު ފަރާތްތަކަށް ދިނުމަށް ނިންމާފައެވެ.

މި ހާދިސާގައި 4 ގުދަނަކާއި މީހުން ދިރިއުޅެމުންދާ 6 އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އަދި 46 އަހަރުގެ އަންހެނަކު ނިޔާވެ 500 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ހާލުގައި ޖެހިފައިވާ މީހުނަށް މިހާރު ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ހޯދައިދީފައެވެ.