މި ހަފްތާގެ ހުކުރު ދުވަސްވެސް ހިމެނޭގޮތަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސޫމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި ފެންބޮޑު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު މެޓުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގައި އާއްމު ގޮތެއްގައި ވެސް ޖެހޭ ބާރުމިނުގައި ކަމަށެވެ.

ރާއްޖޭގެ ކަނޑު މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ މޫސުމަށް ބަލައިގެން ކަނޑުދަތުރުކުރެއްވުން ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެކި ރަށްރަށަށް ބޯކޮށް ވާރޭވެހި ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. ބައެއް ރަށްރަށަށް އުދަވެސް ދަނީ އަރަމުންނެވެ.

މާލޭއަށް މިއަދު ކުރި ވިއްސާރާގައި މާލޭގެ އެކި ހިސާބުތަކުގައި ފެންބޮޑު ވުމުގެ ސަބަބުން އެމްއެންޑީއެފުން އަންނަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު