މޯލްޑިވްސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓަކީ ބާރުގެ މިޝަނަރީސްތަކުން ރާއްޖެއިން އިސްލާމް ދީން ނައްތާލުމަށް ރާވައިފައިވާ ބޮޑު ރޭވުމެއް ކަަމަށް ކުރިގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިމޭރުމުން ޝަހީމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި ރިޕޯޓުގައި އިސްލަމް ދީނާއި ދެކޮޅަށް ހިމަނާފައިވާ ކަންކަމާ މެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭކަމަށާއި އަދި އިސްލާމީ މުޤައްރަރުތަކަށް ގެންނަ ބަދަލުތަކާމެދު ފާރަވެރިވާން ޖެހޭކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީތީ ހަސަދަވެރިވާ ބޭރުގެ ފަރާތްތަކުން އަބަދުވެސް އިސްލާމް ދީން މި ރާއްޖެއިން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެމީހުންގެ ދީންތައް މި ރާއްޖޭގައި ފެތުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް ފައިސާ ހަރަދު ކުރާކަމަށާއި ދިވެހި ރައްޔިތުންގެ މަސައްކަތުން އެފަދަ ކަންކަން އަބަދުވެސް ވަނީ ފެއިލްވެގެން ގޮސްފައިކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލަ ފެންމަތިވެފައިވާ މި ދަނޑިވަޅުގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންދާ ގޮވާލުންތަކަކީ ސަރުކާރު ވައްޓާލުމަށް ގޮވާލާ ގޮވަލުންތަކެއް ކަމާމެދު ބައެއް ފަރާތްތަކުން ފަތުރާ ވާހަަކތައް ދޮގުކޮށް ޝަހީމް ވިދާޅުވީ އެމްޑީއެން އުވާލުމަށް ގޮވާލުމަކީ އެއީ ސަރުކާރާ މެދު ދެރަ ބަހެއް ބުނެ ނުވަތަ ސަރުކަރު ވައްޓައިލުމަށް ގޮވާލާ ގޮވާލުންތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަންކަމާ އިސްވެ ފިޔަވަޅު އެޅުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރުމުން ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ ގަދަރު އިތުރުވަނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވަނީ އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައިފައިވާ ކަމުން އެ ޖަމިއްޔާއާ މެދު ޓެރޮރިޒަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެ ޖަމިއްޔާއާ މެދު އެފަދަ ފިޔަވަޅެއް ނާޅައިފިނަމަ އެކަންކަން ތަކުރާރުވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ކުރެވޭ މަސައްކަތްތައް ހިކުމަތްތެރިކަމާ އެކު އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ގެންދިއުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

އަދި ގާނޫނާ ހިލާފަށް ރާއްޖޭގެ ސުލްހަވެރިކަން ގެއްލޭފަދަ ހަރުކަށި އަމަލެއް ނުހިންގުމަށްވެސް އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ނަސެހަތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ތިޔަ ރިޕޯޓަކީ ޑެވިޑްހަމް ކުރަމުން އަންނަ ދިރާސާއެއް. އެހެން ދީންތައް ރާއްޖެއަށް ގެންނަން އެއްމެ މުނާސަބު ވަގުތަކީ ކޮބައިތޯބަލަން. މިހާރު ދިރާސާގެ ނަތީޖާ ދައްކާގޮތުން މިވަގުތައް ކުޑަމަޑެއް ޖައްސާލަން އެބަޖެހޭ.