މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ރާއްޖެއިން ހިފެހެއްޓި ބޭރުގެ ބޯޓާއި، ރާއްޖޭގެ ދޯނި މިރޭ ދޫނިދޫއަށް ގެންދެވޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޮކްޓޯބަރު އެއް ވަނަ ދުވަހު ފެށިގެން ކަނޑުމަތީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، އެ މަސައްކަތުގައި ހަރަކާތްތެރިވި ބޯޓާއި، އެކަމުގައި ހަރަކާތްތެރިވިވަމުންދިޔަ ރާއްޖޭގެ ދޯންޏެއް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވާކަަމަށެވެ.

ފުލުހުން ވިދާޅުވީ، މި ބޯޓު ތުރާކުނު ކައިރީގައި އޮއްވާ އެމްއެންޑީއެފް ކޯސްޓް ގާޑުން އަތުލައިގަތްއިރު، މި ބޯޓު ރާއްޖެއާ ކައިރި ސަރަހައްދަކަށް އަންނަ ކަމުގެ މައުލޫމާތު ފުލުހުންގެ ޑްރަގް އިންޓަލިޖެންސްއަށް ލިބުމާއި ގުޅިގެން ކުރެވުނު މަސައްކަތުން، އެ ބޯޓުގައި ހުރި މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖެ އުޅަނދެއް ހަރަކާތްތެރިވަމުންގެންދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ހަރަކާތްތެރިވި ބޭރުގެ ބޯޓާއި، ރާއްޖޭގެ ދޯނި މިހާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ބޭރުގެ އެ ބޯޓުގައި އައިޑެންޓިފިކޭޝަން ނެތް ހަ މީހަކު ހިފެހެއްޓިފައިވާކަމަށާއި، ހިހެފެއްޓުނު ދޯނިން ދެ ފިރިހެނަކާއި، ބަންގްލަދޭޝް ދެ މީހަކު އެމްއެންޑީއެފް ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި އޮޕަރޭޝަންގައި ހިފެހެއްޓުނު ބޯޓު އަދި ދޯނިވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ. ލަފާ ކުރެވޭ ގޮތުގައި މިރޭގެ ވަގުތެެއްގައި މި އުޅަނދުތައް ދޫނީދޫއަށް ގެނެވޭނެ ކަމަށް ބެލެވެއެވެ". ފުލުހުން ވިދާޅުވިއެވެ.

އަތުލާގަތް އެ ބޯޓުގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އިންޑިއާގެ އަސްކަރިއްޔާ އާއި ހަވާލަދީ އެގައުމުގެ ނޫސްތަކުގައި ބުނެފައި ވެއެވެ.