މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައި ފާޅުކޮށްފައިވާ ކުފުރުމަތީ ތިބުމަށް އެ ޖަމިއްޔާއިން އޮތީ ފައިވިއްދައިފައި ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.

"ޖަމިއްޔަތުއް ސަލަފް" އިން މިކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްޑީއެން އިން "ޕްރީލިމިނަރީ އެސެސްމެންޓު އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވެސް" ނަމުގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކީ އިސްލާމް ދީން ފުހެލައި ދިވެހި ރާއްޖޭގައި ސެކިއުލަރ ވެރިކަމެއް ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ފާޅުވެގެންވާ ހެއްކެއް ކަމަށާއި، އެ ރިޕޯޓަކީ މުޖްތަމައިގެ ސުލްހަމަސަލަސް ކަން ނެތިކޮށްލާނެ ނުރައްކާތެރިކަން ބޮޑު ލިއުމެއްކަމަށެވެ. އެ ރިޕޯޓުން ފާހަގަވާ އެފަދަ 25 ކަމެއް އެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނުގައި ބަޔާން ކޯށްފައި ވެއެވެ.

އޭގެ ތެރޭގައި މާތް ﷲ ގެ ސިފަފުޅު ތަކާއި އެއިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުމާއި، އެކަލާންގެ ވޮޑިގެންވާކަމާމެދު ޝައްކެއް ނެތްކަމަށް ބުނެފައި އޮތުމުން އެކަމަށް އިންކާުރު ކުރުމާއި، ކީރިތ ޤުރުއާނަކީ އެއްވެސް ބަދަލެއް އައިސްފައިވާ ފޮތެއް ނޫންކަމަށް ބުނާ ބުނުމާ މެދު، އެއީ ހަމައެކަނި މުސްލިމުންގެ ހިތްތަކުގައި ގަބޫލް ކުރާ ގަބޫލް ކުރުމެއް ކަމަށް ބުނެފައި ވުން ހިމެނެއެވެ.

އެ 25 ކަމުގެ ތެރއިން ކޮންމެ ކަމަކާ މެދު ވިސްނައިލިޔަސް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަކީ މުސްލިމުންގެ ހިތުގައި އިސްލާމް ދީނާ މެދު ޝައްކު އުފައްދައި އެ ދީނާ މުސްލިމުން ދުރުކުރުމުގެ ނިޔަތުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްކަން ފެންނަން އޮތް ކަމަށް ސަލަފުން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެރިޕޯޓުގައި ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންނާއި އެފަރާތްތަކުން މަސައްކަތް ކުރަމުންދާ ތަންތަނަށް ދާންދެއް ލިޔެ އެ ފަރާތްތަކަކީ ހައްދުފަހަނަ އަޅައިފައިވާ ހަރުކަށި ބައެއްކަމަށް ފާހަގަކޮށްފައި އޮތުމަކީ އަދާވާތްތެރިންތަކެއް އެކަމުގެ އަޑީގައި ތިބެގެން ކޮށްފައިވާާ ކަމެއް ކަމަށް ސަލަފުން ވަނީ ބުނެފައެވެ. އަދި އެކަމަކީ އިސްލާމް ދީން ރާއްޖެއިން ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ބަޔަކު ފައިސާ ދީގެން ހިންގައިފައިވާ ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ސަލަފުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ބައެއް ސިޔާސީ ފަރާތްތަކުން އެންޑީއެމްގެ ރިޕޯޓު ކުުއްވެރިނުކޮށް އެކަންކަން އޮޅުވައިލުމަށް މަސައްކަތް ކުރަމުދާކަމަށާއި އެެހެން ނަމަވެސް އެއީ އޮޅުވައިލެވެން ނެތް ހަގީގަތެއް ކަމަށެވެ.

ސަލަފުން ވަނީ އެންޑީއެމްގެ ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެންމެނަށް ހައްގު އަދަބު ދީ އެ ޖަމިއްޔާގެ ބޮޑުންގެ ގޮތުގައި ތިބެ ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އެ މަގާމުތަކާ ދުރުކޮށް އެ ޖަމިއްޔާ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި އެހެނިހެން ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖ

    ވަގުތުން ފިޔަވަޅުއެޅުމައް އާއްމުރަތްޔަތެއްގެ ހައިސިއްޔަތުންގޮވާލަން ސަރުކާރައް

    47
    2
  2. ގިޓާ

    ﷲގެ ދީނަށް ހަރުކަށި ކިޔާއިރު އެއީ މަޑުކަށި އަމުދުން ކަށިނެތް ފަނިފޮކުސާތަކެއްކަން އެބައިގަޑަކަށް ނޭގެ