އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރަން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް ޞާލިހް ވަނީ ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެއީ "ރާއްޖެ ޓީވީ" ގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ އިތުރުން އަހުމަދު ފަޔާޒް ހަސަން، އަހުމަދު އާހިލް ރަޝީދު އަދި ފާތިމަތު ސައުޝަން އެވެ.

މި އެންމެންނާއި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އިއްޔެ ވަނީ އިންޓަވިއުކޮށްފައެވެ. މީގެތެރެއިން ސައުޝަން ފިޔަވައި އަނެއް ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ނިންމާފައެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ 13 ޖުލައި 2014 ވަނަ ދުވަހުއެވެ. އިންފޮނޭމޭޝަން ކޮމިޝަނަރު ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު (މާވަށު އަޒީ) އައްޔަން ކުރެއްވީ 22 ޖުލައި 2014 ގައެވެ. އޭނާގެ ދައުރު މިމަހުގެ 22 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އެ މަގާމަށް ނުވަ ބޭފުޅަކު މިފަހަރު ކުރިމަތިލެއްވިއެވެ.