އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށް ހިފެހެއްޓި މަސްވެރިކަންކުރާ އުޅަނދު [އަންބަރީ] ދޫކޮށްލުމާއި ގުޅިގެން މިއަދު ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި [އަންބަރީ] ދޯނި، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދޫކޮށްލާފައިވާތީވެ އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ހަރަކާތްތެވުން ފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެގެން ދާނެ ކަމަށެވެ. އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ..

އަދި މިފަދަ އުޅަނދުފަހަރަށް މަސްވެރިކަންކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާޢިދުތަކާއި ޚިލާފު އަމަލެކެވެ.

މިފަދަ ގޮތަކަށް ޙަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަޙުގީގު މަރުހަލާއަކީ ދިގު މަރުހަލާއެކެވެ. އަދި މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަސްވެރިޔާ

    ކަލޯ ގަވައުދު ހެދިހެދީނުން މިހާރު އެންކޮޅެއް ކީއްކުރަން ދިރޭފަންޏެއްގަވެސް އަތްނުލެވޭ ފެށުނީއްސުރެއް މިކަމެއްގަ މަހެއް ގަހެއް އެމެއް ﷲ ދެއްވި ރިޒުގެއްގަ އަތްނުލެވޭގޮތައް ގަވަޢިދު މިހަދަނީ

  2. ކެޑޭ

    ތިޔަ ރާޑަރުތަކެއް ބެހެއްޓިފަހުން ވެގެން އުޅޭކަމެއް ތިޔައީ ދެން މަސްވެރިކަންވެސް ހަލާކޮކޮށްލާ މިތަނުގެ ތިޔަބައިގަޑާހެދި ނޯންނާދެން ފިޔަވަޅެއްވެސް އެޅެން އެމީހުން މިތަނުން ވައްކަންކޮން ކަނޑުތައް ދަވާލައިގެން ދިޔައަސް ކުރެވޭނެކަމެއްނޯވޭ މިހާރު ދެން މިއީ ވަށައިގެން ބަންދުކޮށްފައި އޮތްޖަލެއްތާ ދިވެހިރާއްޖެ ވަށާ އެމީހުން ކަނޑުގެ ސަލާމަތް ހޯދަން ފަލަސްތީނައް މިހަދަނީ މިތަން މިހާރު

  3. ދޮންބެ

    ދީނުގަ އޮންނަ ގޮތާ ޚިލާފަށް ހެދުން އަޅާނަމަ މުޖުތަމަޢު ހަލާކުވެދާނެ.

  4. ހުސޭނުބޭ

    މަސްވެރިންނަށް މަހުގެ ހަމަ އަގު ލިބޭގޮތް އެމީހުން އަމިއްލައަށް ހަދަންޖެހިފައި ތިއޮތީ!