އިންޑިއާގެ ކަނޑުގެ ސަރަހައްދުން މަލިކު ކައިރިން އެޤައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސް ދޯނި ދޫކޮށްލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ދޯނި ދޫކޮށްލީ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

އެ ބަޔާނުގައި ބުނީ މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައި ނުވާ ސަރަހައްދެއްގައި އެ ފަދަ ކަމެއް ކުރުމަކީ ބައިނަލްއަގްވާމީ ގަވައިދުތަކާ ވެސް ހިލާފުކަމެއް ކަމަށާއި މިގޮތަށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ދިގު މަރުހަލާއެއް ނަގާ ކަމަށެވެ. އަދި، ތަހުގީގު ނިންމުމަށް ފަހު އުޅަނދު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާ ކަމަށާއި އެކަމަކު ދިވެހި ދޯނީގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި، އަނބުރާ ފޮނުވާލާފައިވާކަން އެ ބަޔާނުގައި ބުންޏެވެ. އެހެންވެ، އިންޑިއާގެ ކަމާ ބެހޭ އިދާރާތަކަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދެއްގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވުމަކީ ރާއްޖޭގެ މަސްވެރިކަމަށް އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމާ މެދު، މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އުޅަނދުގެ ވެރިފަރާތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ވެސް ފިޝަރީޒުން ބުންޏެވެ. އެހެންވެ، މި ފަދަ ގަވައިދާ ޚިލާފު އަމަލުތައް ނުހިންގުމަށް އެ މިނިސްޓްރީން ނަސޭހަތްތެރިވި އެވެ.