ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ކަންބޮޑުވުމުގެ ސިޓީތަކުގައި ފާހަގަކޮށްފައިވާ ކަންތައް ބެލުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ފާއިތުވެގެން ދިޔަ 3 މަހެއްހާ ދުވަހު ރާއްޖޭގެ އެކި ޖަލު ތަކުން ގައިދީން މުޅިއަކު 16 ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެއީ އެކިއެކި މީހުންގެ ޝަކުވާ ސިޓީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޑުކުރައްވައިގެން ހުންނެވީ އެ ފަރާތްތަކަށް ވަކި ވަކިން ސިޓީ ނުފޮނުވަން ކަމަށާއި ވަކި ވަރަކަށް ސިޓީ ލިބުމުން ޖަވާބު ދެއްވަން ކަމަށެވެ. އަދި ސިޓީ ތަކުގެ ހުލާސާއާއި އެކު ސިޓީ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ފޮނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މަޑުކޮށްލައިގެން ހުރީ ވަކި ވަކި ސީޓީ ނުފޮނުވާ، ކޮންމެވެސް އަދަދަކަށް ސިޓީ ލިބުނީމަ ފޮނުވަން. އަޅުގަނޑު އެކުލަވާލާފައި ވާނެ އެ ސިޓީތަކުގެ ހުލާސާއާއެކުގައި ހިއުމަންރައިޓްސް ކޮމިޝަނަށް މި ސިޓީތަށް ފޮނުވާނަން،" ނަޝީދު ވިދާޅުވިއެވެ.

ގައިދީން ފޮނުވާފައިވާ ސިޓީ ތަކުގައި ހުރި މައްސަލަތައް ބަލައި ފޮނުވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގައި ހިނގަމުން އަންނަ ކަންކަމާއި ހާލަތު ދެނެގަތުމަށްޓަކައި މިސަރުކާރުން ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ޖަލުތަކުގެ ހާލަތު ދެނެގަނެ އޮޑިޓް ކުރުމަށް ވަނީ ޖަލު ކޮމިޝަނެއް އެކުލަވާލާފައެވެ.

ގިނަ ގައިދީން އަންނަނީ ސަރުކާރުގެ އިސް ފަރާތްތަށް ގާތު، ޖަލުގައި ތިއްބަވާ ބޭފުޅުން ގައިދީންނާއި މެދު އަމަލު ކުރަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ބުނެ ޝަކުވާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަމަނަ

    ކޮބައިތޯ ސަރުކާރެއް އޮތުމުގެ ބޭނުމަކީ؟ ކޮބައިތޯ ވުޒާރާތަކުގެ ވެރިން ތިބުމުގެ ބޭނުމަކީ؟ ކޮބައިތޯ ބޮޑުޚަރަދުކޮށްގެން ރައީސްމީހާ ވޯޓުން ހޮވުމުގެ ބޭނުމަކީ؟

    • އައްޑޫސިޓީ

      އެއްވެސްބޭނުމެއް ނެތް ސަރުކާރެއްމިއީ. މަޖިލިހުން ދަނީ ސަރުކާރުގެ ބާރު ކަނޑުވަމުން
      މަޖިލިސް އުވާލަން ފެނޭ

  2. އަނބުޅަ

    ހަމައެކަނި މަޖިލިސް މެނބަރުން ތިއްބަވާފަ އެހެން ވުޒާރާތަކުގެ ބޭފުޅުން އިސްތިއުފާ ދެއްވަންބީނޫން ތޯ ! ނަމުން ރިޔާސީ ނިޒާމް ދެއްތޯ؟..