ދިވެހި ދަޢުލަތް އޮތީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު ބޭފުޅުންގެ އަތް ދަށުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ބޭރުގައި މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޓޮމް ވަނީ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި ތިބި އެމްޑީއެން އަށް ނިސްބަތްވާ އެންމެން އިސްތިއުފާ ދިނުމަށް އެންގުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލާފައެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދަނީ މި ރިޕޯޓު ލިޔުނު ބޭފުޅުންގެ އަޑީގައި ދަޢުލަތް އޮތްތަން. ރައީސް ނަޝީދު ވިދާޅުވި ގޮތަށް އަނދިރި ދަޢުލަތް އޮތީ މުޅި ސިސްޓަމް ތެރެއަށް ވަދެފަ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެބަތިބި އެ ރިޕޯޓު ލިޔުނު ބޭފުޅުން އައްޔަންކޮށްފަ، ޕޮލިސްގަ އެބަތިބި އެންމެ މަތީ މަޤާމުގަ އެމްޑީއެންގެ ބޯޑު މެމްބަރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންޓި-ޓެރަރިޒަމް އާ ބެހޭ ކޮންސަލްޓެންޓަކަށް ހުރީ އެމްޑީއެންގެ ޗެއާޕާސަން." ޓޮމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ނެރުމާއި ގުޅިގެން އެމީހުންގެ ބައެއް މީހުން އެތަނުން އިސްތިއުފާ ދީފަ އެމްޑީއެންގަ ނޫޅޭ ބަޔަކަށް ހެދިގެން ސަރުކާރުގެ ކޮންމެވެސް ތަނެއްގެ ހިޔަނީގެ ދަށުގައި އެބަތިބި ކަމަށާއި އެމީހުން ވަޒީފާއިން ވަކިކުރުމަށް ގޮވާލާ ކަމަށެވެ.

ސައީދު ވަނީ މިއަދުގެ ސަރުކާރުން ބަދަލު ދިނުމޭ ކިޔާފައި ހިންގާ ކަންތައްތައްވެސް ކުށްވެރިކުރައްވާފައެވެ. އާބިޓްރޭޝަންއިން ބަދަލު ދިނުމަކީ އިންޓަނޭޝަނަލް ކޮމާސްގައި ވަކި ގޮތަކަށް ކުރަން ޖެހޭ ކަމެއް ކަމަށާއި، ހިތަށް އެރިގޮތަކަށް ކޮމިޓީ ހަދައިގެން ބޭނުންގޮތަކަށް ބަދަލު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"800 އެތައް މިލިއަން އެތައް ރުފިޔާއެއް ދިން އިރު މިއަދު މަސްވެރިންނަށް އެމީހުން ކިރާ މަހަށް ފައިސާ ދެވެނީކީއެއް ނޫން. އަލިފާނުގެ ހާދިސާގައި ޖެހުނު އާއިލާތައް އަދިވެސް އެއްވެސް ކަހަލަ ބަދަލެއް ނުދީ، އޮއްވާ 52 މިލިއަން ޑޮލަރު އައުޓް އޮފް ކޯޓްސް އޭ ސެޓްލްމެންޓް އެކޭ ކިޔާފަ ނިންމީ. ނުކުރެވޭނެ އެކަމެއް." ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޅުބެ

    މުޅި ދައުލަތް އޮތީ އެމްޑީއެންގެ އަތްދަށުވެފައި.

    3
    1