އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑް އާއި ދިމާލުން ލިންކް ރޯޑުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މީހުން އަރުވައިގެން ދިޔަ ޕިކަޕެއް ފުރޮޅާލައިގެންނެވެ.

ލިންކް ރޯޑުގައި ފުރޮޅާލި ޕިކަޕު - ވަގުތު އިމޭޖްސް: ޒަހީން އަބްދުﷲ

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ދުއްވާފައިދަނިކޮށް، ޕިކަޕުގެ ޓައިރު ފަޅާއިގެން ގޮސްގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ބިދޭސީންނަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ލިންކް ރޯޑުގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:00 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ، ޕިކަޕުގެ ތެރޭގައި ތިބި ދެ މީހަކަށް ކަމަށެވެ.

އަދި ޕިކަޕުގެ ފަހަތުގައި ތިބި ތިން މީހަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ހިތަދޫ ރީޖަަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްލާ

    ކޮބާ ކިހާވަރެއްވި މިކަހަލަ ކިތަންމެ ކަމެއް އައްޑޫގައި ހިގާނެ ޓްރެފިކް ނުބަލަހައްޓާ ޤަވާއިދާއި ޙިލާފް އެތައް ކަމެއް ހިގަމުންދަނީ ލިންކްގައި ހެލްމެޓް ނާޅާ ދުއްވުން އާއްމު ކަމެއް ޕިކަޕް ފުރެންދެން މީހުން އަރުވައިގެން ހަބޭސް ދުއްވަނީ ބަލާނެ ބަޔަކު ނެތް

  2. އިބުރޭ1122

    ދުއްވިފަ ހުރިވަރު މަޑީ. ފުރޮޅު ފަޅައިގެން ދިޔައިމަ ތިހާވަރުވާނީ މަޑުން ދުއްވިފަ ހުރީމަ.