ރާއްޖޭގައި މިހާރު ފެން،މަތިވެގެން މިއުޅޭ އެމްޑީއެން ރިޕޯޓް ލިޔުމާއި ޝާއިއު ކުރުމުގައި އިސްކޮށް މަސައްކަތްކުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މިހާރު ފެންނަނީ އެޖަމިއްޔާގައި އިސްކޮށް ތިބި މީހުން ރާއްޖެ ދޫކޮށް ދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ހަމަ އެކަނި ހައްލެއް ނޫން ކަމަށާއި ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރ އަހްމަދު ޝިޔާމް ވިދާޅުވީ، އެމްޑީއެންގައި އިސްކޮށް އުޅުއްވާ ބޭފުޅުން، އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓް އަށް ޒިންމާއުފުލަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރަކީ އެ ޖަމިއްޔާގެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ގައުމު ދޫކުރައްވާ ދާ މަންޒަރު ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރުގަ އެބަ ތިބި ބޮޑެތި މަގާމުތަކުގައި ރައީސް އޮފީހުން ފެށިގެން ގޮސް ދައުލަތުގެ މުއައްސަސާތަކުގައި އެންމެ އިސްކޮށް އެބަ ތިއްބެވި އެމްޑީއެން މި ޖަމިއްޔާއަށް ނިސްބަތްވާ މި ޖަމިއްޔާގައި މީގެ ކުރިން މަސައްކަތްކޮށް މި ރިޕޯޓް ޝާއިރު ކުރެވުނު އިރު އެތަނުގައި ތިބި ބޭފުޅުން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި 2015 އަހަރު ނެރުއްވި ރިޕޯޓެއްކަމަށް ވިދާޅުވި ވާހަކަފުޅަކީ މުޅިން ގޯސް މަޢުމޫލާތެއް ކަމަށެވެ. އަދި އެބަޔާން އިސްލާޙުކޮށް ރައީސް މާފަށް އެދިވަޑައިގަތުމަށްވެސް ކޯލިޝަނުން ގޮވާލިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި 2015 ވަނަ އަހަރު ނެރުނު އެސެސްމެންޓް ރިޕޯޓެއް ކަމަށް އެފާހަގަކުރެއްވި ރިޕޯޓަކީ އެއީ މުޅިން ނުބައި މައުލޫމާތެއް. 2015 ވަނަ އަހަރު އެމްޑީއެން އިން ޝާއިއުކޮށްފަ ޕަބްލިޝްކޮށްފަ އޮންނަނީ އެހެން ނަމެއްގަ އެހެން ރިޕޯޓެއް. މިހާރު ފެންމަތިވެގެން އުޅޭ ރިޕޯޓަކީ މިފަހުން ޕްބްލިޝް ކޮށްގެން އުޅޭ ރިޕޯޓެއް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މިއަދު މަޖިލީހަށް ސަރުކާރުގައިތިބި އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް ބޭރުކުރުމަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އެބިލް މަޖިލީހުން ވަނީ ބޭރުކޮށްފައެވެ.