އައިޓީއެފްސީއާއި އެކު މަސްވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށް މިފްކޯ ތަރައްގީ ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ އައިލެންޑް ރިސޯޓްގައި މިއަދު ކުރިޔަށް ދިޔަ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެއަށް ދޭ 1.5 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްގައި ސޮއި ކުރެވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށް މިފްކޯ ތަރައްގީ ކުރުމުގެ ގޮތުން އެތަނުގެ ކެޕޭސިޓީ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިހާރުވެސް ސްޓޯރޭޖު ކެޕޭސިޓީ، ދަޅު ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯ ގެ ފަރާތުން މިނިސްޓްރީ އިން މިހާރުވެސް ވާނީ އައިޓީއެފްސީ އާއި ވާހަކަ ދައްކާފައި. މި ފައިނޭންސިން ފެސިލިޓީގެ ފަރާތުން މި ޕްރޮޖެކްޓުވެސް ކުރިއަށްދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

‎އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން އާއި ރާއްޖެ އާ ދެމެދު ފްރޭމްވާރކް އެގްރިމަންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އައިޓީއެފްސީ އިން ދިން 1.5 ބިލިއަން ޑޮލަރަކީ ފަސް އަހަރުގެ މުއްދަތަކަށް ދިން ފައިނޭންސިން ފެސިލިޓީއެކެވެ. ސަރުކާރުން ނިންމާފައިވަނީ މި ފައިސާ ފަސް އަހަރަށް ބަހާލާ، އަހަރަކު 300 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ބޭނުން ކުރުމަށެވެ. މިނިސްޓަރ ވިދާޅުވީ، މި ފައިސާ ބޭނުންކުރާނީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ދިނުމަށާއި އިމްޕޯޓު އަދި އެކްސްޕޯޓަށް ސަޕޯޓު ދިނުމުގެ ގޮތުން ކަމަުގައެވެ.

"ކޮންމެ ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް ވަކި އެގްރިމެންޓެއްގައި ސޮއިކުރެވޭނެ. ކޮްނމެ ޕްރޮޖެކްޓެއްގެ ޓާމސް ތަފާތުވާނެ. މި ފެސިލިޓީ ބޭނުންކުރާނީ ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ޝޯޓާޓާމް ފައިނޭންސް ކުރުމަށް،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލް ވިދާޅުވީ އައިޓީއެފްސީ އިން ރާއްޖެއަށް 810 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް އެހީ ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށާއި އެހެނިހެން ދާއިރާތަށް ތަރައްގީކޮށް ކުރިއެރުވުމަށް އެ ކޯޕަރޭޝަނުން އެހީ ފޯރުކޮށްދޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.