ހުޅުމާލޭގައި މިއަދު ހެނދުނު އެކްސިޑެންޓްތަކެއް ހިނގައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ތިން އެކްސިޑެންޓް ވަނީ ހިނގާފައެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:04 ހާއިރު ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރި، ރީތިގަސް މަގާއި، އަސްރު މާ ހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތިން ދެ ކާރު ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް، ދެ އުޅަނދަށްވެސް ގެއްލުންތަކެއް ވެފައި ވާކަމަށެވެ. އަދި އެ ދެ ކާރު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ދެން މިއަދު ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައި ވަނީ ހުޅުމާލެ ފިތިރޯނު މަގުގައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ، ޖީއެން ސައިކަލެއްގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ މީހަކު، އެމްޕީއެލް ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއް އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ މަގުގައި މަޑުކޮށްގެން އިން ޕީސީއެކްސް ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 10:43 ހާއިރުއެވެ. މި އެކްސިޑެންޓްގައި އެ ދެ ސައިކަލުގައި ތިބި ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާވެފައި ވެއެވެ. އަދި ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނުކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި ދެ އެކްސިޑެންޓް މައްސަލަވެސް ބަލަމުންނެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހިގެންވެސް މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގާފައި ވެއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.