މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ނަމުގައި ބަޔަކު ފޭކު ޓުވިޓަރ އެކައުންޓެއް ހަދައިގެން މުއާމަލާތު ކުރަމުން ދާކަމުން އެކަމަށް ސަމާލުވުމަށް އެކުންފުނިން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމްޑަބްލިޔުއެސްސީ ގެ ނަމުގައި ބަޔަކު ހަދައިގެން ބޭނުންކުރަމުންދާ ޓްވިޓަރ އެކައުންޓު ހަދާފައި ވަނީ އެކުންފުނީގެ ރަސްމީ ޓްވިޓާ އެކައުންޓާ އެއްގޮތަށް ކަމަށެވެ. އަދި އެ ފޭކު ޓުވިޓާ އެކައުންޓުން ދަނީ މީހުންގެ ޓްވީޓުތަކަށް ހުތުރު އިބާރާތުން އެ ކުންފުނީގެ ނަމުގައި ރިޕްލައި ކުރަމުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން އެއްވެސް ބޭއަދަބީ ބަހުރުވައެއް ބޭނުން ކޮށްގެން ޓްވީޓެއް އަދި މީހަކު ކޮށްފަަައިވާ ޓްވީޓަކަށް ޖަވާބެއްވެސް ނުދޭނެ ކަަމަށެވެ. އެހެން ކަމުން އެ ފޭކު ޓްވިޓަރ އެކައުންޓަށް ސަމާލުވުމަށް އެމްޑަބްލިޔުއެސްސީން ވަނީ ޓްވިޓަރ ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ ފޭކް ޓްވިޓަރ އެކައުންޓުން ފެންނާނެ ކަންކަމުގެ ތެރޭގައި އެ ޓްވީޓާ އެކައުންޓަކީ މމަހު ހުޅުވައިފައިވާ އެކައުންޓެއް ކަން ފެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ އެކައުންޓުގައި އެމް.ޑަބްލިޔު.އެސް.ސީގެ އަސްލު ޓްވިޓާ އެކައުންޓާ ހިލާފަށް ފޮލޯކުރާ މީހުންނާއި ފޮލޯވަރުން މަދުވާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެޓުވިޓާ އެކައުންޓް ބޭނުންކުރާ މީހުން ވަނީ އެމްޑަބްލިޔުއެސްސީގެ އަގު ވެއްޓޭގޮތަށް އެތައް ޓްވީޓެއް ކޮށްފައެވެ. އަދި ހަޑިހުތުރު ބަހުން ގިނަ ޓްވީޓުތަކަކަށް ވަނީ ރިޕްލައިވެސް ކޮށްފައެވެ.