ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭގޮތުން އޮޑިޓެއް ހަދައި ދިރާސާ ކުރެއްވުމަށް އެޓާނީ ޖެނެރަލް އޮފީހުން ކަނޑައަޅުއްވާފައި ހުންނަވާ ކޮންސަލްޓަންޓް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަޖް ޔޮހާން ކުރީގްލަރ ހެދި ދިރާސާ ރިޕޯޓު އާންމުކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެފައި ވަނީ އެ ރިޕޯޓު މިހާރު އެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ. ޔޮހާން ކްރީގްލާ ރާއްޖޭގެ ޝަރުއީ ދާއިރާ އާ ގުޅިގެން ހެއްދެވި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހިމަނައިފައި ވާ ކަންކަމަކީ ޝަރުއީ ދާއިރާއާއި ގުޅުންހުރި ގާނޫނުތަކާއި އަދި އެ ގާނޫނުތައް ތަންފީޒުކުރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖާ ކުރެއްވުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި އަދި ފަނޑިޔާރުންގެ އެކިއެކި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖާ ކުރެއްވުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅިފައިވާ ހުށަހެޅުންތައް ވަަޒަންކޮށް، އެކަމާ ގުޅޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމެވެ.

އޭޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އެކަންކަން ދިރާސާ ކުރުމަށް ޖަޖް ޔޮހާން ކުރީގްލަރ ދެފަހަރަށް ރާއްޖެ ވަޑައިގެންފައިވާކަމަށެވެ. އަދި އެ ދެފަހަރުގެ މަތިން ދައުލަތުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކާއި، މަދަނީ ޖަމިއްޔާ ތަކާއި، ސިޔާސީ ޕާޓީތައް އަދި އެނޫންވެސް ފަރާތްތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ހިޔާލު ހޯއްދަވާފައިވާކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި، އެ ދާއިރާގެ އޮޑިޓެއް ހަދައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެމަނިކުފާނުގެ ވައުދުފުޅެކެވެ.

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވާ، ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައިވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ޔޮހާން ކްރީގްލަރ ރާއްޖޭގެ ޝަރުއީ ދާއިރާއާއި ގުޅިގެން ދިރާސާ ކުރެއްވުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖެއްސުމުން އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ ރާއްޖޭގައިވެސް އެމަސައްކަތް ކުރެވޭނެ ތައުލީމާއި ގާބިލިއްޔަރުކަން ހުރި މީހުން ތިބި ކަމަށާއި ބޭރުގެ ފަނޑިޔާރަކު އެކަމަށް އައްޔަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވހިން

    މުސްލިމް މެޖޯރިޓީ އޮންނަ ގައުމެއްގައި ޝަރުޢީ ދާއިރާ އޯޑިޓްކޮށް އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަން އިސްލާމްދީނުގެންފުޅެއްވެސް ނެތް މީހެއް.

    21
  2. ބުރޯ

    ބަލަގަ މިރާއްޖޭގަ އޮންނަންޖެހޭނީ އިސްލާމ،ީ ސަރުއީ ނިޒާމެއް . ކާފަރަކަށް ނުވަތަ އިސްލާމްދީން ރަނގަޅަށް ނުދަންނަ މީހަކު ސަރުއިނިޒާމް އިސްލާހުކުރުމުގެ ނަމުގާ ގައުމު ގާ ކާފަރު ނިޒާމެއްހެދުމަށް ދެވޭ ލަފާ ގަބޫލުކުރަން ހެޔޮނުވާނެ.