މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އިތުރަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައި ވަނީ ށ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.