އިއްޔެ ހަވީރު ޑިންގީއެއްގެ ބުރަފަތީގައި ޖެހި ކުޑަހުޅު ކައިރިން ފައި ބުރިވި ވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަނިޔާ ލިބުނު މީހާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއި އެކު ސީޖީ ލޯންޗް އެފްއައިސީ "ވެލާނާ" ގައި ކަމަށެވެ.

އަނިޔާވެފައިވާ ޒުވާނާ މާލެ ގެނެވުނު އިރު ރޭ ގަޑިން 23:40 ވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރ. ކޮށްޓަފަރު ބޭރުގައި އަނިޔާވި ޒުވާނާ ފީނަން އުޅެފައި މައްޗަށް އެރިވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި އަނިޔާވި ޒުވާނާ މާލެ ގެނެސްފައިވަނީ ބ. ކަމަދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު އެވެ. ކަމަދޫ ސިއްހީ މަރުކަޒުގައި އޭނާ އަށް ފަރުވާދޭން ފެށީ ރ.އަތޮޅު އޭނާ މާލެ ގެންނަނިކޮށް ލޯންޗްގެ އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމަދޫ އަށް ވަންނަން ޖެހުމުންނެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަމަށާއި، އޭނާގެ އެއް ފައި ކުޑަހުޅުން ބުރިވެފައިވާ ކަމަށެވެ.