ސީރިޔާގެ އިރުމަތީ ޣޫތާ ހިފުމަށް އެގައުމުގެ ރައީސް ބައްޝާރުލް އައްސަދުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަވަށް ކަމަށްވާ ދޫމާގައި ހޮނިހިރު ދުވަހު ދިން ކެމިކަލް ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ހާރިޖިއްޔާ އިން ކުރި ޓްވީޓެއްގައި ބުނީ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ޙަމަލާ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވައި، އަމާންކަމާއި އެންމެންނަށް ސަލާމަތްތެރިކަން ޤާއިމްކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖެއިން ބައިވެރިވާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާކަމެކެވެ. އިއްޔެ ދިން ކެމިކަލް ހަމަލާގެ ސަބަބުން 100 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ ޣޫތާ މީޑިއާ ސެންޓަރުން ބުނީ ހޮސްޕިޓަލްތަކާ އެކު މަސައްކަތް ކުރާ އެމެރިކާގެ ޗެރިޓީއަކުން ވަނީ އެހަމަލާއާ ގުޅިގެން ފަރުވާ ދިން މީހުންގެ ފަރާތުން ސެރިން ގޭހުގެ ސަބަބުން ފެންނަ އަލާމާތްތައް ފެނިފައިވާ ކަމަށް ބުނެފަ އެވެ

ދޫމާ އަކީ މިހާރު އިރުމަތީ ޣޫތާގައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސަރަހައްދެވެ. އިރުމަތީ ޣޫތާ ހިފުމަށް ސީރިއާ ސަރުކާރުން ފެބްރުއަރީ މަހު ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    ސީރިޔާއިން އެމެރިކާ ސިފައިން ފައިބަން ނިންމާފަ،ފޭބުމުގެ ކުރިން ސީރިޔާ ސުންނާފަތި ކުރުމަށް ޖެހި މޅިޔެއް އެއީ ބައސާރު ވެރިކަމުން ދުރުކުރަން އެމރިކާއިން ބޭނުމެއް ނުވާނެ. ދާހިލީ ހަނގުރާމަ ހުއްޓޭނެ ގޮތެއް ހަދަންވެސް ބޭނުމެއް ނުވާނެ.