އައިޖީއެމްއެޗްއި ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރ އިން މެދު ނުކެނޑި ނަފްސާނީ އެކި ބަލިތަކަށް ފަރުވާދެމުންދާއިރު، މިހާތަނަށް މި ސެންޓަރ މެދުވެރިކޮށް 4 ހާހެއްހާ މީހުންނަށް ޚިދުމަތް ދެވިފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ޔަމީން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްފައި އެ ސެންޓަރ މެންޓަލް ހެންތު ސެންޓަރ ގާއިމް ކޮށްފައިވަނީ މިއަހަރު މާރޗް 25 ވަނަ ދުވަހު އެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު ޚިދުމަތްތައް ހިމެނެއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހާއި ގުޅިގެން މިނިސްޓަރ އަމީން ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިއަހަރަކީ ނަފްސާނީ ސިއްޙަތު ކުރިއަރުވަން ކުރެވެމުން ދިޔަ މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއް ކަަމަށެވެ.

އެގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ވަނީ ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަން މިނިސްޓަރ ފާހަަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެ ސަރަހައްދެކޭ އެއްފަދައިން އަތޮޅު ތެރޭގައި ވެސް ހަރުދަނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފުރަތަމަ ތަރައްގީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްތައް ކަމަށްވާ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ ކުޅުދުއްފުށި، ލ.ގަން، ރ. އުނގޫފާރު، ގދ.ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލް އިން މިޚިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމަށާއި މިފަދަ ބަލިމީހުންނަށް ޢާއިލާއާއި މުޖުތަމަޢުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ވެސް ފެށިފައިވާކަމަށް މިނިސްޓަރގެ ހިތާބުގައި ވެއެވެ.

މީގެ އިތުރުން މި ޚިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި، ޚިދުމަތް ދެމުންދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށްކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ވެސް މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިއަހަރު މިދުވަހުގެ ޝިޢާރުގެ ގޮތުގައި ދިވެހި ރާއްޖޭގައި ބޭނުން ކުރަނީ " ނަފްސާނީ ދުޅަހެޔޮކަން" މި ޝިޔާރެވެ.

ބައިނަލް އަގްވާމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ސަމާލުކަން ގެނެސް މުޅި މުޖުތަމަޢާއި ދޭދޭ ޤައުމުތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމަށް ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.