މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު މަރުގެ މައްސަލާގައި ދަޢުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންނަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް، މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވިދާޅުވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިވެރިންނަށް ޖިސްމާނީ އަނިޔާ ކުރި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހެކިވެރިންނަށް ވަރަށް ބޮޑަށް ބިރު ދައްކަމުން ގެންދާ ކަމަށްވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

"އިއްޒަތްތެރި ޤާޟީ. މީގެ ކުރިންވެސް އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ، މި މައްސަލައާއި ގުޅިގެން ދަޢުލަތުން ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވަމުން ދާ ވަހަކަ. އެމީހުންނަށް ޖިސްމާނީ ގޮތުންވެސް އަނިޔާ ލިބެމުން އެބަދޭ. މިކަން މިހާރު ފުލުހުންވެސް ތަޙުޤީޤު ކުރައްވަމުން ދަނީ. ހުރިހާ ހެއްކެއްވެސް ހުށަހަޅާފައިވާނީ އެމީހުން ޝަރީޢަތުގަ ހެކިބަސް ދޭނެ ކަމަށް ބުނުމުން. ނަމަވެސް މިހާރު ހެކިބަސް ދޭން އެމީހުން އެބަ ދެކޮޅު ހަދާ." ދަޢުލަތުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، ދިފާޢީ ވަކީލް، މަޢުމޫނު ޙަމީދު ވިދާޅުވީ، ދަޢުލަތުން އެފަދައިން ވިދާޅުވާނަމަ، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި، ދަޢުލަތަށް އެކަން ނުކުރެއްވޭ ނަމަ، ޝަރީޢަތުންވިޔަސް އެކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ، ދިފާޢީ ވަކީލް، ޢަބްދުﷲ ޙަސީން ވިދާޅުވީ، ސިއްރު ހެކިވެރިޔާގެ މަޢުލޫމާތު އެނގޭނީ، ފުލުހުންނަށާއި، ޕީޖީ އަށާއި، ކްރިމިނަލް ކޯޓަށް ކަމަށާއި، އެ ތިން ފަރާތުން ނޫން ގޮތަކަށް އެމީހުންގެ މަޢުލޫމާތު އާއްމު ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، އެކަމުގައި އިޙުމާލުވެފައިވާ ފަރާތްތައް ހޯދާ، ފިޔަވަޅު އެޅުމަށްވެސް ދިފާޢީ ވަކީލު ގޮވާލެއްވިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން ދެން އަޑުއެހުމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެޑަމް

    ޖިސްމާނީތަ ނަފްސާނީތަ

    15
    1
  2. ޢަލީކޮއި

    ތިޔަ ޖިސްމާނީ އަނިޔާދިނީ ހުސްނުސުއޫދު. ޢަންނިއަށް ރިޕޯޓްދީގެން.

    61
    1
  3. ޖަޒީރާ

    ތިކަމުގެ ނަގަންޖެހޭނީ މިވަގުތު ސަރުކާރުގަ ތިބި ދެރައީސުން

    29
    2