ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު މާލޭ ހެންވޭރު ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުގެ ވަގުތީ ބޯހިޔާވަހި ކަމުގެ ދަށުގައި 38 އާއިލާއެއް ތިބިކަމަށް ނެޝަނަލް ޑިޒާސްޓްރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއެ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން އެ ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ 38 އާއިލާގެ 164 މީހުން އަދިވެސް އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ތިބިކަމަށާއި އެފަރާތްތަކަށް ގާކޮށި ފްލެޓުތަކުން 14 އެޕާޓްމެންޓަކާއި މާލޭގެ ގެސްޓުހައުސްތަކުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ވަގުތީ ހިޔާވެހިކަމުގައި ތިބި ފަރާތްތަކަށް ކޭންބުއިމުގެ ހަރަދުތައްވެސް އެ އޮތޯރިޓީއިން ފޯރުކޮށްދެމުންދާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ އޭގެތެރޭގައި އަލުން ބޭނުން ނުކުރެވޭވަރަށް އަނދައިގެން ގޮސްފައިވާ ގޭތަކުގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް އަލުން ތަނެއް ކުއްޔަށް ހޯދުމަށް އިރުޝާދު ދީފައިވާނޭކަމަށާއި އަދި އެފަދަ ތަނަކަށް ބަދަލުވެއްޖެނަމަ ކުރިޔަށް އޮންނަ 3 މަހުގެ ކުލި ދައްކައިދެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި 1 މަސްދުވަހުގެ ތެރޭގައި ތަންތަން ހިފައިގެން ބަދަލުވެވޭނެ އިންތިޒާމް އެ އޮތޯރިޓީއިން ހަމަޖައްސައިދޭނެ ކަމަށްވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ އޭގެ ތެރެއިން 6 އައިލާއަކީ އެ ސަރަހައްދުގައި ހުރި 4 ގެއެއް މަރާމާތު ކުރަމުންދާތީ އެންޑީއެމްގެ އެހީތެރިކަމުގެ ދަށުގައި ތިބި މީހުން ކަމަށާއި އަންނަ ހަފްތާތެރޭގައި އެމީހުންގެ ގެތަކަށް ބަދަލުވެވޭ ވަރުވާނެ ކަމަށެވެ.

އެ އޮތޯރިޓީ އިން މައުލޫމާތު ދީފައިވާގޮތުގައި މިހާރު އެސަރަހައްދުގެ އެސެސްމެންޓުގެ ވެސް ބޮޑު ބައެއް ވަނީ ނިމިފައެވެ. އެސެސްމެންޓު ހެދުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އަލިފާނުގެ ސަބަބުން ގޭގައި ޒަރޫރީ ބޭނުންކުރާ ހިފައިގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުން ތަކާއި، އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން މިހާތަނަށް 19 ގެއަކާއި 92 ގޭބިސީއެއްގެ އެސެސްމެންޓު ހަދައި ނިމިފައިވާ ކަމަށާއި، އެތަންތަނަށް ލިބިފައިވާ ގެއްލުންތަކުގެ އަގު އެއް މިލިއަނަށް އަރާކަމަށް އެ އޮތޯރިޓީ އިން މައުލޫމާތު ދެއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އެސެސްމެންޓު ހަދަމުން ދަނީ ޕްލޭނިން މިނިސްޓްރީންނެވެ.. މިހާތަނަށް ބެލި ބެލުމުން އަލިފާނުގެ ހާދިސާގައި ގެތަކަށް ވަރަށް ބޮޑެތި ގެއްލުމންތައް ލިބިފައިވާކަމަށާއި އަންނަ ހަފްތާގެ ހޯމަދުވަހު އެސެސްމެންޓު ހަދައި ނިމޭވަރުވާނެކަމަށް އެ އޮތޯރިޓީއިން މައުލޫމާތުދެއެވެ.