ސާރކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ކްރޮސް ރޯޑް މޯލްޑިވްސްގައެވެ، މިއީ މިފަދަ ތިންވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން ރަސްމީކޮށް ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ސައުތު އޭޝިއާ ރީޖަންއިން ސްކޫލަށްދާ ދަރިވަރުންގެ ނިސްބަތް އިތުރުވެ، ތަޢުލީމީ ގޮތުން މަތީހަރުފަތްތަކަށްދާ ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހޯދުނު ކާމިޔާބީތަކާއެކުވެސް ސައުތު އޭޝިއާ ރީޖަންއިން އިތުރަށް ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާރކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ވިދާޅުވީ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ސަރަހައްދަށް ފައިދާ ކުރާނެ މުހިއްމު ނިންމުންތަކެއް ނިމިގެންދާނެ ބައްދަލުވުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށްދަނީ " ކްރޮސްރޯޑްސް މޯލްޑިވްސް"ގައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިނިސްޓަރުންގެ ބައްދަލުވުން ޗެއަރ ކުރައްވަނީ ރާއްޖޭގެ ފަރާތުން މިނިސްޓަ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ އެވެ.

ސާރކް ގައުމުތަކުގެ ތަޢުލީމީ ދާއިރާއާ ގުޅުންހުރި މިނިސްޓަރުން ފިޔަވައި އެހެނިހެން އިސް އޮފިޝަލުންނާއެކު އިއްޔެ ވަނީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުވުން ޗެއަރ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދެވެ. މި ބައްދަލުވުމުގައި ވަނީ 2014 ވަނަ އަހަރު ބޭއްވުނު އެޑިއުކޭޝަން / ހަޔަރ އެޑިއުކޭޝަންގެ މިފަދަ ދެވަނަ ބައްދަލުވުމުގައި ނިންމުނު ކަންކަން ސާރކްގެ ގައުމު ތަކުން ތަންފީޒުކުރަމުންދަނީ ކިހާ މިންވަރަކަށްތޯ އެގައުމުތަކުން ހުށައަޅާފައެވެ. އަދި މިކަމުގެ ރިޕޯޓްވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިއަދުގެ މިނިސްޓަރުންގެ ބައްދަލުވުމަށް 2 ޕޭޕަރެއް ހުށައެޅުމަށް އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އެ ދެ ޕޭޕަރަކީ " މާލޭ ޑެކްލަރޭޝަން " އަދި " އެޑިއުކޭޝަން 2030: ސާރކް ފްރޭމްވޯކް ފޯރ އެކްޝަން " މި ދެޕޭޕަރެވެ.

މި ދެ ކަރުދާހާމެދު މިނިސްޓަރުންގެ ބައްދަލުވުމުގައި މިހާރުދަނީ މަޝްވަރާ ކުރެވެމުންނެވެ.