"ސްމޯލް ސްކޭލް ވޭސްޓު ޓު އެނާޖީ"ގެ ނަމުގައި އައްޑޫގައި ކުރިޔަށް ގެނދިއުމަށް ހަމަޖެހިފައިވާ މަޝްރޫެ ދަށުން އައްޑޫގައި ދެކުނުގެ ރީޖަނަލް ވޭސްޓު މެނޭޖުމެންޓު ފެސިލިޓީއެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރޮމެންޓް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެންވަޔަރޮމެންޓް މިނިސްޓްރީ އިން މިއަދު ވަނީ އެ މަޝްރޫ އަމަލީގޮތުން ފެށުމަށް ޓަކައި "ކިކް އޮފް" ބައްދަލުވުން ބާއްވައިފައެވެ.

އެންވަޔަރޮމެންޓް މިނިސްޓްރީ އިން މިކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މަޝްރޫ އަމަލީގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގައި ކަމަށާއި، އެ މަޝްރޫގެ ދަށުން ގާއިމް ކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމަންޓު ފެސިލިޓީ އިން ދުވާލަކަށް 1.5 މެގަވޯޓު ކަރަންޓު އުފެއްދޭނެ ކަމަށެވެ.

މި މަޝްރޫއަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭ.އެފް.ޑީ) ގެ ލޯން އެހީއާއި ސަރުކާރުން ހަރަދުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އެގޮތުން މި މަޝްރޫގެ ދަށުން އައްޑޫސިޓީ، ފުވައްމުލައް އަދި ހުވަދުއަތޮޅުގެ ހުރިހާރަށެއްގައި އުފެދޭ ކުނި މެނޭޖުކުރެވޭނެ ކަމަށް އެންވަޔަރޮމެންޓް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.