މަގުތައް ހަދައި ބަލަހައްޓަން އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކު ހަމަޖައްސައިފިއެވެ.

"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ރަށްތައް ގުޅާލައި، ބެލެހެއްޓުމަށް ސަރުކާރުގެ ކުންފުންޏެއް ރައީސް އުފެއްދެވީ މިދިޔަ ޖޫން މަސް ތެރޭގައެވެ.

މިއީ ސައްތައިން ސައްތަ ސަރުކާރު ޙިއްޞާވާ ސަރުކާރުގެ ކުންފުންޏެކެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް މޫސާ އަލި މަނިކު ހަމަޖައްސާފައިވާ ކަމަށެވެ. އޭނާގެ އިތުުރުން އެހެން ބޭފުޅަކު އަދި އެ ކުންފުނީގެ އިސް މަގާމަކަށް ހަމަޖައްސާފައެއް ނުވެއެވެ.

އެ މަގާމަށް ހަމަޖެއްސި މޫސާ އަލި މަނިކުއަކީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރި ފަރާތެކެވެ. ނަމަވެސް ޕްރައިމަރީގައި އޭނާ ވަނީ ނާކާމިޔާބު ވެފައެވެ.

ރައީސް ސޯލިހުއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރައީސް މި ކުންފުނި އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި، ދާލަންތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ މިފަދަ އެންމެހައި މަސައްކަތްތައް ކުރުމަށް، އެކަމުގެ ޤާބިލުކަން ތަރައްޤީކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.