މާލެ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ އަތުން ފޯނެއް ފޭރިގަތް މީހަކަށް ފާރަލައި، އޭނާ ކުއްޔަށް ހުރި ކޮޓަރި ތެރެއިިން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ އަށް ފާރަލާފައި ވަނީ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި ރޭ ފަތިހު 4:50 ހާއިރު ހުށަހެޅުނު ފޭރުމުގެ މައްސަލައަކާއި ގުޅިގެން ކަަމަށެވެ. އެގޮތުން އެކަމުގައި ތުހުމަތު ކުރެވޭ މީހާއަށް ސީސީޓީވީ މެދުވެރިކޮށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ވަނީ ފާރަލާފައި ކަމަށާއި އޭނާ ވަތް އިތުރު ތަންތަން ވެސް ހޯދައި ބަލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އޭނާ އުޅެމުން ދިޔަ ގެސްޓު ހައުސްގެ ކޮޓަރިޔަށް ބާރުގެ ބޭނުންކޮށްގެން ވަނުމުން މަސްތުވާ ތަކެތި ހުރިކަމަށް ލަފާކުރެވުނީ ކުޑަދޮރުން އެއްޗިހުތަކެއް އުކާލިކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. އަދި އެތަކެތި ހޯދުމަށް އިންވެގެން ހުރި ގޭގެ ފުރާޅާއި އެ ކޮޓަރި ބަލައިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެތަން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައި ހުރި ފިލްމު ހުސްކުރި ދަޅަކާއި، އަދި 240 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި ފޭރިގަތް މޯބައިލް ފޯނުވެސް ހޯދިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ އެމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން މިހާރު އިތުރައް ތަހުގީގުކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު