ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިދިޔަ ސެޕްޓެންބަރު މަހުގެ 30 ގައި ބޭއްވި ޖަލްސާގައި ފާސްކުރި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ދެ ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައްކަމަށް ބުނެފައިވެއެވެ.

މިގޮތުން ހިންގޭ ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލެއްކަމުގައި ބެލެވެނީ ބަޔާންކުރެވިދިޔަ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛ ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛ ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛ މުދަލަށް ބޮޑެތި ގެއްލުން ދިނުން؛ ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ޞިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން؛ މުހިންމު ޢުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުމަށް ކުރެވޭ ކަންތައްތައް ކަމަށް، ޤާނޫނަށް ގެނައި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ޓެރަރިޒަމް މަނާކުރާ ޤާނޫނަށް ގެނައި އިޞްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މިޤާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތުއޮވެ، އެ މަޢުލޫމާތު ޤަޞްދުގައި ޙިއްޞާނުކޮށް ސިއްރުކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފައްދަންވާނެކަމަށް ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކެއްވެސް ކަނޑައަޅާފައިވެއެވެ.

ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ ކަމަށް ވެސް ޤާނޫނުގައި ބުނެފައި ވެއެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ވެސް ބިލްގައިވާ ގޮތުން ބޮޑެތި އަދަބުތަކެއް ލިބޭނެ ކުށްތަކެއް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. ބިލްގައި ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މިޤާނޫނުގައި ވާގޮތުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމުގައި މި އިޞްލާޙުގައި ބަޔާންކޮށްފައި ވެއެވެ.

ޓެރަރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް، ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިމިވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ކުރެއްވުމާއެކު ކޯޓު އަމުރަކާނުލާ ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެއެވެ.

މި އިސްލާހުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކެސްޑީޕީ

  ސަރުކާރުގެ ކުޅިގަނޑު ކުޅެން އަވަސް އަރުވާލަނީ. ލާދީނީ މީހުންނާއި ދެކޮޅަށް ވަކާލާތުކުރާ މީހުން ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރެވޭ ގޮތަށް.

  17
 2. ޢިންސާފް

  ޢިސްލާމުދީނަށް ފުރައްސާ ކުރާމީހުންނަށް މޮޅުގޮތްހަދައިދެނީ ދޯ

  12
 3. އެންޑީޕީ ސަރުކާރު

  ރާއްޖޭގެ ތާރީހުގައިވެސް މިހާމަކަރުވެރި ދެފުށްދެގޮތް ސަރުކާރެއް ނާދޭ.