މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ގޭންގު މާރާމާރީއެއްގައި، ވ.ކެޔޮދޫ ދޭލިޔާގޭ މޫސާ އަޙްމަދު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން، މިހާތަނަށް ވަކީލުން ހަމަޖެއްސިފައި ނުވާ ހަތަރު މީހުނަށް ދިފާއީ ވަކީލުން ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ދީފިއެވެ.

މޫސާ އަޙްމަދު މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ އދ.މާމިނގިލި ސޭޑީގްރޯވް އުމުރުން 18 އަހަރުގެ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުހީގެ މައްޗަށް، މަޤްބޫލު ސަބަބެއްނެތި ޢައްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ، ސ.ހިތަދޫ މުޑުދާސްގޭ ޢަލީ ޙަސަންއާއި، ނ.ޅޮހީ ކަނީރުމާގޭ އުމުރުން 24 އަހަރުގެ މުޙައްމަދު ރިޔާޟްއާއި، މ.ދިއްގަރު ދެބުދާރުގޭ އުމުރުން 28 އަހަރުގެ އަޙްމަދު އިޖާދު މުޙައްމަދުގެ މައްޗަށެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ސ.ހިތަދޫ ގުލްބަކާގޭ އުމުރުން 21 އަހަރުގެ މުޙައްމަދު ނާޒިޝް ނާޡިމްގެ މައްޗަށް ދައުލަތުން ވަނީ މަޤްބޫލު ސަބަބެއްނެތި ޢައްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އަދި މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް ކޮށްފައެވެ.

މިއަދު ބޭއްވި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމާއެކު އިބްރާހީމް ސައްމާޙް އަޙްމަދު ފަތުހީއާއި، ޢަލީ ޙަސަންއާއި، އަޙްމަދު އިޖާދު މުޙައްމަދު އަދި މުޙައްމަދު ނާޒިޝް ނާޡިމް ބުނެފައިވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ޤާނޫނީ ވަކީލަކާ އެކު ކަމަށާއި، އަދި ވަކީލަކު ހަމަޖެހިފައި ނުވުމުން ވަކީލުން ހަމަޖެއްސުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. އެ ހަތަރު މީހުނަށްވެސް ވަކީލަކު ހަމަޖެއްސުމަށް އިތުރު 10 ދުވަސް ގާޒީ ދެއްވިއެވެ.

މިއަދުގެ ޝަރީއަތުގައި ގާޒީ އިތުރަށް ވިދާޅުވީ، ދިފާއީ ވަކީލުން ހަމަޖެއްސުމަށް އެކަށީގެންވާ މުއްދަތެއް ދެވިފައިވާ ކަމަށާއި، އިތުރަށް ދެވުނު 10 ދުވަހުގެ ތެރޭގައި އަމިއްލައަށް ވަކީލުން ހަމަ ނުޖެއްސޭނަމަ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުޞޫލުން ދައުލަތުން ވަކީލުން ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް ދައުލާ ލިބޭ ފަރާތްތަކުން ބުނެފައިވަނީ ދިން މުއްދަތުގެ ތެރޭގައި އަމިއްލައަށް ވަކީލުން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ، ނ.ޅޮހީ ކަނީރުމާގޭ އުމުރުން 24 އަހަރުގެ މުޙައްމަދު ރިޔާޟް މިއަދުގެ ޝަރީއަތުގައި ބުނެފައިވަނީ މިހާރު ދިފާއީ ޤާނޫނީ ވަކީލަކު ހަމަޖެހިފައިވާކަމަށާއި، ކުރިއަށްހުރި ޝަރީއަތުގެ އަޑުއެހުންތަކުގައި އޭނާގެ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ ވަކީލާ އައިމިނަތު ސުޒީ މަސައްކަތް ކުރާނެކަމަށެވެ.

މޫސާ އަޙްމަދު މަރާލި މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ ދެ ކުޑަ ކުއްޖެއްގެ މައްޗަށްވެސް ދައުލަތުން ދައުލާ އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯބުޅި

    ގުރޫޕް މާރާމާރީ ހިންގައި މީހުން މަަރާމީހުންނަށް ،ކޮން އިތުރު މުހުލަތެއް ދޭކަށް، ހަމަ މަރާންވީ. އޭރުން ތިޔަކަން ހުއްޓޭނީ.

  2. ބޯބުޅި

    ފޮޓޯގަ ވެސް އެމީހުން އެތިބެނީ ވަގު ބުޅާތަކެއްގޮތަކަށް ނު. ތި އާލާތްވަރު ރަނގަޅެއް ނުވާނެ.އަވަހަށް މަރާ. ދިރި ތިބީންނަށް ނުރައްކާ ކުރާކަށް ބައިތިއްބާނެ ކަމެއްނެތް.

  3. ޖޮއްބެ

    މީހުންމަރާ މުޖުރިމުންނަށް ވަކާލާތު ކޮށްދޭނެ ވަކީލުންވެސް ވެޔޭދޯ. ލާރިޔަށް ބޫތުކައިފަ ވިއްޔަދޯ....!!!

  4. ޖާޒީރާ ބޯއީ

    މިގައުމަށް ކޮންއިރަކުންބާ އަންނާނީ އިސްލާމީ ޝަރީއަތް އިމްޕްލިމަންތްކުރަން ކެރޭވަރުގެ ވެރިއެއް. މަރަށް މަރު ހިފާހިސާބުން މިކުޅިގަނޑު ނިމުނީއެވެ. ސިޔާސީ ބޭނުމަށްޓަކައި އިސްލާމީ ޝަރީއަތާދުރަށް.