މިރޭ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "އަންނަނީ އަންނަނީ" ޖަލްސާ އޮންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައިވަނީީ އެ ކޯލިޝަނުގެ ފަރާތުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ޖަލްސާ ކެންސަލް ކުރާނީ ހަމައެކަނި މޫސުން ތަން ނުދޭކަމުގައި ވާނަމަ އެކަނި ކަމަށެވެ. "އަދި މިހާތަނަށް ޖަލްސާ ކެންސަލް ނުކުރޭ. ހުރިހާ ބޭފުޅުންވެސް ތައްޔާރުވެގެން ވަޑައިގަންނަވާ. ތުނިކޮށް ވާރޭވެހުނަސް ރެލީއަށް ވަޑައިގަންނަވަން ވާނެ. މޫސުން ތަން ނުދިނުމުގެ ސަބަބުން ޖަލްސާ ކެންސަލް ކުރަން ޖެހިއްޖެނަމަ އަޅުގަނޑުމެން އެކަން އަންގާނަން." އަދުރޭ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް ޝުޖާޢުވެސް ވާހަކަފުޅު ދައްކާނެއެވެ. އަދުރޭވެސް ވާހަކަފުޅު ދައްކާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އެ ރިޕޯޓު ތައްޔާރު ކުރި މީހުންނަށް ފިޔަވަޅު ނާޅާތީ ސަރުކާރަށާއި ރައީސް ޞާލިހުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.