މިއަދުގެ ސަރުކާރުން ރާވައިގެން ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.

އަދުރޭ މިގޮތަށް ތުހުމަތުކޮށް ވާހަކަފުޅު ދެއްކެވީ މިއަދު ޕީޕީއެމް-ޕީއެންސީގެ ފަރާތުން ޕީޕީއެމް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމަށް ކަނޑައަޅާފައި ހުންނަ ކޮމިޝަނަށް ސަރުކާރުން އައްޔަންކޮށްފައި ހުރި މީހަކު (ޝަހިންދާ) އިންޒާރުދިން މައްސަލައިގައި ފިޔަވަޅު ނޭޅިގެން އުޅެނީ ކޮން ސަބަބަކާ ގުޅިގެންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވަނީ އެއީ ސީދާ ރައީސް ސާލިހު ރާއްވަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެެވެ.

"ފިޔަވަޅެއް ނޭޅުމުގެ މާނަޔަކީ އެއީ ރައީސް ސާލިހު ރާވައިގެން ކުރާ ކަމެކޭ. އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާ ރާއްވަވައިގެން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާނެ ތިމަންނަ އޮންނާނޭ މިކަހަލަ ބަޔާނެއް ނެރެފަ. ދެން ކަލޭމެން ތިމަންނައަށް ބަވާށޭ. އެއީ ހަމަ ރައްޔިތުންގެ ލޯތަކުގައި އަނދުން އެޅުވުމަށް ކުރާ ކަމެއް. އެހެން ނޫނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް އިންޒާރު ދިނީމަ އެމީހަކާ މެދު ފިޔަވަޅު އެޅޭނެ."

"ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފަ ހުރި މަގާމެއްގަ ހުންނެވި ބޭފުޅަކު އިންޒާރު ދިން ކަމަށް ތިޔަ ވިދާޅުވަނީ. ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް މީގަ ނެތް ނަމަ އެ މަގާމުގައިވެސް އެބޭފުޅަކަށް ނުހުރެވޭނެ. އެހެންވީމަ މިއީ ރާވައިގެން ކުރާ ކަންތައްތަކެއްގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލުކުރަނީ. މިއީ ދިވެހިރާއްޖޭގައި ތަފާތު ދީންތަކަށް ޖާގަ ހޯއްދަވައިދެއްވުމަށް މިއަދުގެ ސަރުކާރުން ރާވައިގެން ކުރަމުން ގެންދާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަކުރަނީ"

ޓެރަރިޒަމް ޤާނޫނު ފާސްކުރުމުގެ ބޭނުމަކީ އެ ޤާނޫނުގެ ދަށުން މިއަދުގެ ސަރުކާރުން ބޭނުންވާ ބަޔަކު ކުށްވެރިކުރަމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންނޫނީ އެންމެ ފުރަތަމަ ހިފާ ހައްޔަރު ކުރަން ޖެހެނީ އެމްޑީއެންއަށް މިހާރުވެސް ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.