މިއަދު މިފެންނަނީ އެއްކޮށް ވާގިނެތިފައި އޮތް ސަރުކާރެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން "އަންނަނީ އަންނަނީ" ނަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ރައްޔިތުން މަޖިލީހުގެ އެއް މެންބަރު ކަމަށްވާ ޝިޔާމް ވިދާޅުވީ އެޖެންޑާ 19 ތަންފީޒު ކުރެވޭނެ ބިލެއް މަޖިލީހަށް ނާންނަ ކަމާށާއި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިފި ކަމަށެވެ.

"ވެރިކަމަށް އައީ މަސްވެރިންނަށް ހަމައަގު ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން. އަޅުގަނޑުމެންގެ ސަރުކާރުގެ ފަހުކޮޅު 25 ރުފިޔާއަށް ހުރި މަސްކިލޯއެއް މިހާރު ގަންނަނީ 12 ރުފިޔާ އަށް. ހަފްތާއެއް ވަންދެން ކިއުގައި ޖެހިގެން މަސްކޮޅު ކިރެނީ. ދަނޑުވެރިންގެ ބިލެކޭ ކިޔާފައި ގެނައީ ޕެސްޓި ސައިޑް ބިލެއް. އެއީ އެމްޑީޕީގެ މެންބަރަކަށް ފައިދާ ހޯދައިދިނުމަށް ގެނައި ބިލެއް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިކަން ރޭކާލައިގެން ސަރުކާރުން ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންގެ މަޖިލީހުން ކުރުމުގެ މަސައްކަތް މިހާރު ނަޝީދު ފައްޓަވައިފި ކަމަށާއި މިހާރު ފެންނަނީ މަޖިލިސް ތެރޭގައި ޕާޓީއެއް ހިންގާތަން ކަމަށެވެ.

"ޕާޓީއެއް ހިންގައިގެން ވެސް ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދެވޭނަމަ މައްސަލައެއް ނެތް." ޝިޔާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ޤާނޫނު އަސާސީ އާއި ހިލާފުވެފައި ކަމަށް ވެސް ޝިޔާމް މިރޭ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ޝިޔާމް ނެންގެވީ މާލޭގެ ސްކޫލްތަކުން ފުރުސަތު ދިނުމުގައި މާލޭގެ ރައްވެހި ދަރިވަރިންނަށް އިސްކަންދޭން ސަރުކާރުން ނިންމި ނިންމުމެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދިވެހިރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ޤާނޫނު އަސާސީ އާއި ހިލާފުވެއްޖެ. މާލޭގެ ސްކޫލްތަކުން ޖާގަ ލިބޭނީ މާލޭގެ ރައްވެހިންނަށް ކަމަށް އެވަނީ ނިންމާފައި. ޤާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ ހިލާފު ކަމެއް މިއީ." ޝިޔާމް ވިދާޅުވިއެވެ.

މިހާރު އެންމެ ބޮޑަށް ހޫނުވެފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައަށް އަލިއަޅުއްވާލަމުން ޝިޔާމް ވިދާޅުވީ އެމްޑީއެންއަކީ "ދައްޖާލެއް" ކަމަށެވެ.

"މިފެންނަނީ އެމްޑީއެންއޭ ކިޔާ ދައްޖާލަކުން ރައީސުލްޖުމްހޫރިއްޔާ ނުނެއްޓިގެން އުޅޭތަން. މިވެރިކަން ގެނައީ ވެސް އެމްޑީއެން އިން. މިވެރިކަން ގެންނަން މަސައްކަތް ކުރީ އެމްޑީއެންއިން ކަމަށްވާތީ މިސަރުކާރަކަށް އެމްޑީއެންގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އިމްރާންގެ ޙައްޤުގައި ކަމަށް ބުނެ ޔޫއެންގެ ވޯކިން ގްރޫޕްގައި ޓަކި ޖެހީ ވެސް މި އެމްޑީއެން އިން. އެހެންވީމާ އިމްރާނަކަށް ވެސް އިބްރާހިމް މުހައްމަދު ޞާލިހަށް ވެސް އަދި މިސަރުކާރަށް ވެސް އެމްޑީއެން އިން ކިބައިން ނުނެއްޓެވޭނެ." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ސަރުކާރު އައިފަހުން ބައެއް ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލުގެ ގޮތުގައި ފައިސާ ދެމުން ގެންދާތީ އެކަމަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ މިދިޔަ ދިހަމަސް ދުވަސް ތެރޭގައި 1.7 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ބަހާލައިފި ކަމަށެވެ.

"މުޅި މާލިއްޔާ އެއްކޮށް ހުސްކޮށްލައިފި. ހަމަ ކޭ. މިއީ ވައްކަން ކުރާ ސަރުކާރެއް. މިއީ ވަގު ސަރުކާރެއް. 17000 މިލިއަން ކޭ ހުސްކޮށްފި. މިނިސްބަތުން ބަލާއިރު ފަސްއަހަރު ތެރޭގައި މަދުވެގެން 10.2 ބިލިއަން ރުފިޔާ ކާލާނެ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓް ހުސްވުމުން އަނެއްކާވެސް ދެބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކުރި ކަމަށާއި ނަމަވެސް ދެބިލިއަން ރުފިޔާ ހުސްކޮށްލީ އަނެއްކާވެސް ކައިރީގައި އުޅޭ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިސަރުކާރުން މާރިއްޗަށޭ ވައްކަން ކުރަނީ. ބަދަލު ދީގެންނޭ ވައްކަން ކުރަނީ. މިއީ އަޅުގަނޑު ދައްކަމުން ގެންދާ ވާހަކައެއް ނޫން. މިއީ އެބޭފުޅުން ދައްކަވާ ވާހަކަފުޅެއް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޭތީ މަޖިލީހުގައި ވެސް އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.