ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތްތައް ރަސްމީކޮށް ރޭ ފައްޓަވައިދެއްވީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި މި ހިދުމަތްތައް ދޭން ފެށި ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީ ގޮތުން ފެށިއިރު އެރަށަށް ސީޓީ ސްކޭން މެޝިން ގެންގޮސްފައި ވަނީ ކުރީގެ ސަރުކާރުންނެވެ.

ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ކުޅުދުއްފުށީގައި ފެށިގެން ދިޔަ ހިދުމަތުގެ ސަބަބުން އެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިހާރާއި ހިލާފަތް ކުރިން އެސަރަހައްދުން ފްލައިޓެއް ޗާޓަރު ކޮށްގެން މާލެ އަށް ބަލި މީހަކު ފޮނުވުމަށް ކުރާ ޚަރަދު 125000 ރުފިޔާއަށް ވުރެ މަދު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ޝެޑިއުލް ކޮށް ފޮނުވަންޏާ 15000 އަށް ވުރެ ގިނަ ރުފިޔާ ހޭދަ ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން މިއީ ބަލި މީހާގެ އާއިލާއިން ކުރާ ބޮޑު ހޭދައެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި ސަރުކާރުން މިހާރު ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލް ތަރައްގީވަމުންދިޔަ ވަރަކަށް އަތޮޅުތެރެއިން ފަސޭހައިން ހިދުމަތް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ ވަނީ މިއަދަކީ ކުޅުދުއްފުއްޓަށާއި ބޮޑު ތިލަދުންމައްޗަށް ވަރަށް ހާއްސަ ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބިގެންދާނެ އެވެ.